ކައުންސިލަރުންނަށް ސިޓިން އެލަވަންސް ދެވެން ނެތް ކަމަށް ނިންމައިފި

ރައްޔިތުންގެ ބައްދަލުވުންތަކުގައި ބައިވެރިވާ ރަށު ކައުންސިލަރުންނަށް ސިޓިން އެލަވަންސް ހަމަޖައްސައިދެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
އެ ކޮމިޓީން މިގޮތަށް ނިންމާފައި ވަނީ ކައުންސިލަރުންނަށް ސިޓިން އެލަވަންސެއް ދިނުމާއި މެދު ރ. ދުވާފަރު ކައުންސިލުގެ ފަރާތުން ކޮމިޓީއަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
ދުވާފަރު ކައުންސިލުން އެދިފައި ވަނީ، ކައުންސިލް މެންބަރުންނަށް ސިޓިން އެލަވަންސް ހަމަޖެއްސުމާއިމެދު ލަފައެއް ދިނުމަށެވެ.
މި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، ކައުންސިލަރުންނަށް ދޭން ޖެހޭ އެލަވަންސާއި މުސާރަ އާއި ހުރިހައި އެއްޗެއް، ކައުންސިލަރުންގެ މުސާރައިގެ އޮނިގަނޑުގެ ތެރެއިން ކަނޑައަޅައިފައިވާ ކަމަށެވެ.
ހަމަ އެހެންމެ، އެ އޮނިގަނޑުގެ ތެރެއިން ވަކި ސިޓިން އެލަވަންސެއް ހަމަޖެއްސޭނެގޮތެއް ނެތް ކަމަށް ވެސް އިލްޔާސް ވަނީ ފާހަގަކުރައްވައިފައެވެ.
އެހެންކަމުން ކައުންސިލަށް އެ ގޮތަށް ޖަވާބު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ނިންމައިފައެވެ.
ސިޓިންގ އެލަވަންސް ވޯކިންގ އެލަވަންސް ޓޮއިލެޓް އެލަވަންސް ނަމެއް ކިޔާފަ ސަރުކާރުގެ ބަޖެޓް ދަވާލާނެ ގޮތެއް ހޯދަނީ. ބަލަ ރައްޔިތުންގެ ބައްދަލުވުން ތަކުގައި ބައިވެތިވުމާ އެމީހުނާ ގުޅުންބަދަހި ކުރުމަކީ އެލަވަންސް ދޭން ޖެހޭ ކަމެއްބާ