ޤިޔާމަތާއި ހަމައަށްވެސް ޔަހޫދީންނަށް އުޤޫބާތް ދެއްވަވާނެ ބަޔަކު މާތް ﷲ ފޮނުއްވަވާނެ: ޑރ. ސައްތާރު
ޤިޔާމަތާ ހަމައަށްވެސް ޔަހޫދީންނަށް އުޤޫބާތް ދެއްވާނެ ބަޔަކު ފޮނުއްވާނެ ކަމަށް މާތްﷲ ބަޔާން ކުރައްވާފައިވާ ކަމަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.
ޑރ. ސައްތާރު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި "ފަލަސްޠީނު ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ފޯރަމްގައި ފަލަސްޠީނުގެ ތާރީޚާއި ޔަހޫދީންގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަދި އައްޝައިޚް ޢަބްދުﷲ އާމިރު ވަނީ ކިޔައިދެއްވާފައެވެ.
އެގޮތުން އިސްރާއީލަކީ ޔަޤޫބުގެފާނުގެ ލަޤަބެއްކަމަށް ވިދާޅުވެ، ޔަހޫދީންނަށް މިނަން ކިޔުނު ގޮތާއި ޔަހޫދީންނަކީ ކޮބައިކަން ޑރ. ސައްތާރު ވަނީ ތަފްސީލީ ގޮތެއްގައި ކިޔައިދެއްވާފައެވެ.
ބަނީ އިސްރާއީލަށް ދެއްވި ނިޢުމަތްތަކާއި އެމީހުންގެ ފަސާދަކުރުމާއި، އެމީހުން ހަދާފައިވާ ދޮގުތަކާގުޅޭ ގޮތުން ޤުރުއާނާއި ސުންނަތުން ސާބިތުވާ ވާހަކަތައް ވަރަށް ތަފްސީލުކޮށް ޑރ. ސައްތާރު ވަނީ ކިޔައިދެއްވާފައެވެ.
ޑރ. ސައްތާރު ވިދާޅުވީ އަދިވެސް އެމީހުންގެ ނުބައިކަން މިދަނީ ފެންނަމުން ކަމަށާއި އެހެންނަމަވެސް ޤިޔާމަތާހަމައަށް ދާންދެން ޔަހޫދީންނަށް އުޤޫބާތް ދެއްވާނެ ބަޔަކު ފޮނުއްވާނެ ކަމަށް މާތްﷲ ބަޔާން ކުރައްވާފައިވާ ކަމަށް ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ކަމަށެވެ.
މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އައްޝައިޚް ޢަބްދުﷲ އާމިރު ވިދާޅުވީ ފަލަސްޠީނުގައިވާ މުޤައްދަސް ތަންތަނުގެ ހުރުމަތް ކަނޑާ އެތަނުގައިވާ މުސްލިމުންގެ ލޭ އޮހޮރުވަމުންދާ މިފަދަ ދަނޑިވަޅެއްގައި މި ވާހަކަ ދެއްކުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އައްޝައިޚް އާމިރު ވަނީ މި ފޯރަމްގައި ފަލަސްޠީނުގެ ތާރީޚަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.
ފަލަސްޠީނަކީ ވަރަށް ޤަދީމީ ތާރީޚެއްވާ ޤައުމެއް ކަމާއި އެތައް ސަތޭކަ ފޮތެއްގައި އެ ޤައުމުގެ ތާރީޚް ލިޔެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ފަލަސްތީނުގައި އެންމެ ފުރަތަމަ ވަޒަންވެރިވެފައި ވަނީ ޢަރަބި ޖަޒީރާއިން އައި ޤަބީލާތަކަކުން ކަމަށާއި ފަލަސްޠީނުގެ ބިން މަޝްހޫރުވެފައި ވަނީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 2600 އަހަރު ކުރިން ކަމަށް ވިދާޅުވިއެވެ.
އެ ބިން މަޝްހޫރުވެފައި ވަނީ ކަންޢާނީންގެ ބިމުގެ ގޮތުގައި ކަމަށާއި އޭރު ޔަހޫދީން އެތަނަށް ދާން ނުވެސް ފަށާ ކަމަށް ޝައިޚް އާމިރު ވިދާޅުވިއެވެ.
ބަނީ އިސްރާއީލަށް ފަލަސްތީނުގައި ވެރިކަމެއް ގާއިމްކުރެވިގެން ދިޔައީ ދާއޫދުގެފާނުގެ ވެރިކަމުގައި ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މިހާރުގެ ޔަހޫދީންނަށް ފަލަސްޠީނަކީ ތިމަންމެންގެ ބިމެކޭ ބުނެވޭނެ ޖާގައެއް ނެތްކަން ސާބިތުކޮށްދެއްވަމުން، އެމީހުންގެ ދަޢުވާތަކަށް ބައްލަވައި ޝައިޚް ވިދާޅުވީ އެމީހުންގެ ދީނީ ހައްޤެއްވާ ކަމަށް އެމީހުން އެ ބުނާ ބުނުމަކީ ދެކޮޅު ނުޖެހޭ ބުނުމެއް ކަމަށެވެ.
ސަބަބަކީ މާތްﷲ ފޮނުއްވާފައިވާ ނަބީބޭކަލުންނަށް އެންމެ ހައްޤުކަން ބޮޑުވާނީ އެ ބޭކަލުންނަށް ތަބަޢަވާ މީހުން ކަމަށް ވާއިރު އެ ރަސޫލުންނާއި ނަބިއްޔުންނަށް ފުރައްސާރަކޮށް، ގަތުލުކޮށް، އެ ރަސޫލުންނާއި ނަބިއްޔުންނަށް އީމާންނުވާ ބަޔަކު ދައްކާ ވާހަކަ އަކަށް ވުމުން ކަމަށް ވިދާޅުވިއެވެ.
ކަންޢާނީން ފަލަސްތީނުގައި އުޅެން ފެށުމާއި ޢުމަރުގެފާނާއި ހަމައަށް އެ ދެމެދުގައި ހިނގިކަންތައްތަކަށް ބައްލަވަމުން، އެ ޤައުމުގައި ވެރިކަން ކުރެއްވި ގޮތް ޝައިޚް އާމިރު މި ފޯރަމްގައި ތާރީޚަށް ބައްލަވަމުން ތަފްސީލުކޮށްދެއްވިއެވެ.
ޝައިހް އާމިރު ވިދާޅުވީ މުސްލިމުންނާއި ޔަހޫދީންނާ ދެމެދު ހިނގި ކޮންމެ ހަނގުރާމައެއްގައިވެސް އިސްލާމްދީނުގެ ރިވެތި އަދަބު އަޚްލާގު މުސްލިމުން އަބަދުވެސް ދައްކާ ކަމަށެވެ.
ޒަޔަނިސްޓުންނަކީ އިސްތިއުމާރީ ބާރެއްކަމާއި ޔަހޫދީން ފަލަސްޠީނު ބިމަށް އަންނަންފެށީ ސަޙްޔޫނީ ހަރަކާތް 1897ގައި ފެށުނު ފަހުން ކަމަށް ޝައިހް އާމިރު ވިދާޅުވިއެވެ.
އިސްރާއީލު އިޢުލާންކުރެވިގެން ދިޔައީ 1948ގައި ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.
މި މުޤައްދަސް ބިމުގެ ދިފާޢުގައި މުސްލިމުންވީ ގުރުބާނީއަށްވެސް ޝައިޚް ވަނީ ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.
މުސްލިމު ކޮމާންޑަރުންގެ ސިކުނޑިތަކުން ފަލަސްތީނު ނުދިޔަ ނަމަވެސް، މިއަދު މި ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެއްކަމަށް ޝައިޚް ވިދާޅުވިއެވެ.
ހަމައެކަނި ފަލަސްތީނުގެ ރައްޔިތުން، އެ ބިން މިނިވަން ކުރުމަށް މަސައްކަތް ކުރަމުންދާތަން ފެނުމުން އިސްލާމީ އުންމަތް ބައިބައިވެފައިވާވަރު ފެނިގެންދާ ކަމަށް ޝައިހް އާމިރު ވިދާޅުވިއެވެ.
ވެވެން އޮތްގޮތަކުން ފަލަސްޠީނަށް އެހީތެރިވުމަށް ވިދާޅުވަމުން ޝައިޚް ވަނީ މުދަލުން ވެވެން އޮތް އެހީއެއް އަޅުގަނޑުމެން ވާންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ކުޑަކުދިންނަށާއި ސްކޫލުތަކުގައިވެސް ފަލަސްޠީނަކީ ކޮބައިކަން ކިޔައިދީ އަންގަންޖެހޭ ކަމަށާއި މިއީ ތަޢުލީމީ މަންހަޖުގައިވެސް އެކުލެވިގެން ބުނެދެވެން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޝައިހް އާމިރު ވިދާޅުވިއެވެ.
މި ފޯރަމް ނިންމާލާފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ނަޞްރުދެއްވުމަށް އެދި ކުރި ދުޢާއަކުންނެވެ.