ޣައްޒާއަށް ނިއުކްލިއާ ހަމަލާއެއް ދޭން ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ލާއިންސާނީ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައި ޣައްޒާއަށް ނިއުކްލިއާ ހަމަލާއެއް ދިނުމަށް އިސްރާއީލްގެ ހެރިޓޭޖް މިނިސްޓަރު އަމިހާއި އެލިޔަހޫ ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މިކަން ހާމަކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ޢައްޒާއަށް ނިއުކްލިއާ ބޮމެއް އެޅުމަށް އަމިހާއި އެލިޔަހޫ ގޮވާލި ގޮވާލުން ރާއްޖޭން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އަމިހާއި އެލިޔަހޫގެ ގޮވާލުން ބަލައިނުގަނެވޭ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ އާއްމުންނަށް އަމާޒުކޮށް ހަމަލާތަކެއް ދެމުންދާ މި ދަނޑިވަޅުގައި އިސްރާއީލުގެ މިނިސްޓަރަކު މިފަދަ ވާހަކައެއް ދެއްކުމަކީ ވަކިން ކަންބޮޑުވާ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
ހަމަ އެހެންމެ އެލިޔަހޫ މިފަދައިން ގޮވާލާފައި ވާއިރު ވެސް އޭނާ އާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ހަމަލާތައް ހުއްޓާލާ ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްވެސް ގޮވާލާފައެވެ.