ޚަބަރު ސަރުކާރު

ޤައުމީ ސަލާމް ކިޔުން ހުއްދަ: ފަތުވާ މަޖިލިސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް ކަމުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅައިފިއެވެ.

Ads by Sosun Fihaara

އެ މަޖިލީހުން މިކަން ކަނޑައަޅައި ނެރުއްވި ބަޔާނުގައި ވަނީ ގައުމީ ސަލާމް ކިޔުމާއި ގައުމީ ދިދައަށް ސަލާމް ކުރުމަކީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އެއްވެސް އަޅުކަމަކާއި ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު މޭމަތީގައި އަތް ބޭއްވުމަކީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އެއްވެސް އަޅުކަމަކާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން އެއީ އާދަތަކާ ގުޅިފައިވާ ކަމެއް ކަމަށާއި އާދަތަކުގެ އަސްލަކީ ހުއްދަވުން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވީ އާދަކާދައާ ގުޅޭ ކަމެއް ހަރާމް ކަމަށް ކަނޑައެޅޭނީ ސަރީހަ ދަލީލަކުން ސާބިތުވުމުން ކަމަށާއި އެހެންކަމުން، މަތީގައި ބަޔާންކުރެވުނު މައްސަލަ ދިރާސާކުރުމުން އެނގި ހާމަވީ މިކަން ހަރާމް ކުރާނެ ސަރީހަ ދަލީލެއް ނެތުމުން މިއީ ހުއްދަ ކަމެއް ކަމުގައެވެ.

ގައުމިއްޔަތަށް ލޯބި ޖެއްސުމަށް، ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުން ވަނީ ސްކޫލުތަކުގެ ކިޔެވުން ގައުމީ ސަލާމުން ފަށާ ގޮތަށް  މިމަހުގެ ފަސް ވަނަ ދުވަހު ނިންމާފައެވެ. އެހެންނަމަވެސް ބައެއް އިލްމުވެރިން އަންނަނީ އެ ނިންމުމާ މެދު ތަފާތު ހިޔާލު ފާލުކުރައްވަމުންނެވެ.

އެގޮތުން އެ ކަމަކީ ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ވެސް ބައެއް އިލްމުވެރިން ވިދާޅުވާ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.

މީގެ އަހަރުތަކެއް ކުރިން ވެސް ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން ފަށާފައިވަނީ ގައުމީ ސަލާމުންނެވެ. އެކަމަކު އެކަން އޭރު ވެސް ހުއްޓައިލީ ބައެއް އިލްމުވެރިން އެކަމާ ދެކޮޅަށް ހެދުމުންނެވެ

Ads by Ooredoo
  1. މޫސާފަތުހީ

    ކޮންއިރަކުތޯ ގައުމީސަލާމް ކިއުންމަނާވެފައޮތީ؟