ވެރިކަމުގެ ނިޒާމުގެ ތެރޭގައި އެންމެ ބޮޑު ބާރެއް އޮންނާނީ ދިވެހި ރައްޔިތުންނަށް: މުއާޒް

ވެރިކަމުގެ ނިޒާމުގެ ތެރޭގައި އެންމެ ބޮޑު ބާރެއް އޮންނާނީ ދިވެހި ރައްޔިތުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުޢާޒް މިހެން ވިދާޅުވީ ރާއްޖޭގެ މީޑިއާއަކަށް ރޭ ދެއްވި ބަސްދީގަތުމެއްގައެވެ.
މުޢާޒްގެ ވާހަކައިގައި އިޝާރާތްކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމާ ގުޅޭގޮތުން މަޖިލީހުގެ ޤަވާއިދަށް ގެނެސްފައިވާ އިސްލާޙަށެވެ.
އެގޮތުން މުޢާޒް ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި އެންމެ ބޮޑު ބާރެއް އޮންނާނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.
މިސާލެއްގެ ގޮތުގައި އެމްޑީޕީގެ ވަރުގަދަ ވެރިކަން ބަދަލުކުރީ ރައްޔިތުންކަން ފާހަގަކުރައްވާ މުޢާޒް ވިދާޅުވީ އޭރުވެސް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ބާރާއެކު ތިއްބެވި ކަމަށެވެ.
މުޢާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ ވެރިކަން ބަދަލުވުމުގެ އެންމެ ބޮޑު އަސްލަކީވެސް ރައްޔިތުންގެ މަޖިލީހުގެ ބާރު ނާޖާއިޒް ގޮތުގައި ބޭނުން ކުރުން ކަމަށެވެ.
މިގޮތުން ރައްޔިތުންގެ ނިންމުން ބޮލާލާ ޖަހައި އެނޫން ގޮތަކަށް މަސައްކަތް ކުރާނަމަ ރައްޔިތުން ދެންވެސް އެމްޑީޕީއަށް ނޫނެކޭ ބުނާނެ ކަމަށް މުޢާޒް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައްޔިތުން އެމްޑީޕީއަށް ނޫނެކޭ ބުނީ ހުރިހާ ބާރެއް އެމްޑީޕީގެ މުށުތެރޭގައި އޮއްވާ ކަން ފާހަގަކުރައްވާ މުޢާޒް ވިދާޅުވީ ރައްޔިތުންގެ ބާރަށްވުރެ ރައްޔިތުންގެ މަޖިލީހުގެ ބާރު ގަދައެއް ނުވާނެ ކަމަށެވެ.