އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ބްރިޖު ހެދުމަށް މިސްރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި މިދިޔަ ހަފުތާގައި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުންތަކުން ނިންމެވި ނިންމުންތަކާ ގުޅޭގޮތުންވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޡިމް ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ގުޅާލާ ބްރިޖު ހެދުމަށް ޝައުގުވެރިކަން ފާޅު ކޮށްފައިވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ ދަ ޢަރަބް ކޮންޓްރެކްޓަރސްއިން ކަމަށެވެ. އެކުންފުނިން ބްރިޖުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަދަން ޖެހޭ ސާވޭގެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއް ކޮށްފައިވާ ކަމަށްވެސް ނާޡިމް ވިދާޅުވިއެވެ.
"އެކަމާ ގުޅިގެން ކުރަން ޖެހޭ ސާވޭތައް ހިލޭ ސާބަހަށް ކޮށްދޭނެކަމުގެ އިޝާރާތެއް ވަނީ ކޮށްފައި. އެހެންވެ އެގޮތަށް އެކަން ކުރާނަމަ އެ މަސައްކަތް އެ ކުންފުންޏާ ގުޅިގެން ކުރިއަށްގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައި،" ނާޡިމް ވިދާޅުވިއެވެ.
ހިތަދޫ އާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެ ބްރިޖު މަޝްރޫއަށް ޗައިނާގައި ކުރިއަށްދިޔަ "އިންވެސްޓް މޯލްޑިވްސް ފޯރަމް" ގައި ވެސް ގިނަ ކުންފުނިތަކަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މި ބްރިޖުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ފީސިބިލިޓީއާއި ޑިޒައިންގެ މަސައްކަތް ކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އޭގެ ސަބަބުން ބްރިޖްގެ އަގު ކުރުމަށްޓަކައި ކޮންޓްރެކްޓަރެއް ހޯދައި، މަސައްކަތް ހަވާލުކުރުމަށްޓަކައި ނިންމަންޖެހޭ ހުރިހާ ލިޔެކިޔުމެއް އެ މަސައްކަތުން ފަހިވެގެންދާނެކަމަށެވެ.