ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާއަކީ ސިޔާސީ މަގްސަދެއްގައި ދިން ހަމަލާއެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ ޝަމީމަށް މިއަދު މާލޭ މަގުމަތިން ހަމަލާ ދިނުމާ ގުޅިގެން އެކަން ކުށްވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ
ރައީސް ޞާލިޙް ވިދާޅުވީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ސިޔާސީ މަގްސަދުގައި ހިންގާ ހަމަނުޖެހުންތަކުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި އެކަން ކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.
މިއަދު ފަތިހުގެ ވަގުތެއްގައި ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ އޭނާ ކަސްރަތަށް ނިކުން ވަގުތު މަރުތޭލަކުން ކަމަށް މަޢުލޫމާތު ލިބެއެވެ. ޝަމީމަށް ހަމަލާދީފައިވަނީ ނޫރު މިސްކިތް ކައިރިންނެވެ.
މިކަމާއި ގުޅިގެން ޕީޖީ އޮފީހުން ވިދާޅުވީ ޝަމީމަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދިޔަ ނަމަވެސް އެމަނިކުފާނުގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.
އަދި ހަމަލާއާ ގުޅިގެން އެމްއެންޑީއެފް އިން ޝަމީމުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.