ޚަބަރު

މިފްކޯއިން މަސްވެރިންނަށް ފައިސާ ނުދޭ މައްސަލާގައި ޒަހާއާ ސުވާލު ކުރަނީ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

މިފްކޯއަށް މަސްވެރިން ވިއްކާ މަހަށް ފައިސާ ނުދީ ލަސްވާ މައްސަލައާ ގުޅިގެން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުއާ ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

Ads by MWSC

މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މިނިސްޓަރ ޒަހާ ހާޒިރުކުރުމަށް އެޖެންޑާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކު ހުށަހަޅުއްވާފައިވާ ދެ ސުވާލެއް ކުރެއްވުމަށެވެ.

ފުރަތަމަ ސުވާލަކީ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހަޅުއްވާފައިވާ ސުވާލެކެވެ. އެއީ މިފްކޯއިން މަސްވެރިން ވިއްކާ މަސް ގަތުމަށް ފަހު ދޭން ޖެހޭ ފައިސާ ލަސްވާ ސަބަބާއި، ފައިސާ ދެވޭނެ ދުވަހެއް ސާފު ކުރުމަށް ހުށަހަޅުއްވާފައިވާ ސުވާލެކެވެ.

ދެވަނަ ސުވާލަކީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ސުވާލެކެވެ. އެއީ އިންޑިއާ ސަރުކާރުގެ ލޯނު އެހީގެ ދަށުން މެންބަރުގެ ދާއިރާގައި ހިމެނޭ ރ.މަޑުއްވަރީ ގާއިމް ކުރާ އައިސް ޕްލާންޓްގެ މަޝްރޫއާ ގުޅޭ ގޮތުންނެވެ.

މަސްވެރިންނަށް ފައިސާ ދިނުން ލަސްވާ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރަން ޒަހާ މާދަމާ ހާޒިރުކުރާއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން އިގްތިސާދު ދަށްވެ ދައުލަތުގެ މާލިއްޔަތަށް ލިބޭ އާމްދަނީ ވެސް ދަށަށް ދާން ފެށި ފަހުން މަސްވެރިން ވިއްކާ މަހަށް ފައިސާ ދިނުން ފަހަކަށް އައިސް ވަރަށް ބޮޑަށް ލަސްވެފައެވެ.

މިދިޔަ ހަފުތާގައި މަސްވެރިންނަށް ލިބޭ މަހަށް ފައިސާ ނުލިބޭ ކަމަށް ބުނެ ކޫއްޑޫގައި ބައެއް މަސްވެރިން މުޒާހަރާ ވެސް ކޮށްފައިވެއެވެ. އެނގިފައިވާ ގޮތުގައި ކޫއްޑޫއިން މަސް ކިރައިގެން ދީފައިވާ ފައިސާ ރަސީދަށް ފައިސާ ނުދޭތާ ތިން ހަފްތާއަށް ވުރެ ގިނަ ދުވެސް ވެގެން ގޮސްފައިވެއެވެ.

މަސްވެރިން ބާނާފައި، ކިރާ މަހަށް ހަމަ އަގު ނުލިބުމާއި، މަސްނުކިރުމާއި، ބޭނުންވާ މިންވަރަށް އައިސް ނުލިބުމާއި މަސްވެރިން ބާނާ މަސްކޮޅު އުކާލަން ޖެހުމާއި، މިފްކޯއަށް ވިއްކާ މަހަށް ވަގުތުން ފައިސާ ނުލިބުމާއި، ވިއްކާ މަހަށް ލިބެން ޖެހޭ ފައިސާ ދިނުމުގައި ލަސްވުން ފަދަ ޝަކުވާތަކަކީ އަބަދުވެސް މަސްވެރިންގެ މެދުގައި ބޮޑު ޝަކުވާތަކެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދުމާއި މަސްވެރިކަން ތަރައްގީ ކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް ވަރަށް ބޮޑު ވައުދެކެވެ. ނަމަވެސް މަސްވެރިންގެ ތެރޭގައި އޮންނަ އެންމެ އާންމު ކަންބޮޑުވުންތަކަށް ވެސް މިހާތަނަށް ހައްލުތަކެއް ގެނެސްދެވިފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!