ރޯދަމަހު ސްކޫލުތަކުގެ ކިޔެވުން ފަށާނީ ހެނދުނު 8:30 އާއި 9:00 އާ ދެމެދު

މި ފެށޭ ރަމަޟާން މަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނީ ހެނދުނު 8:30 އާއި 9:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިކަން ހާމަކޮށް އެ މިނިސްޓްރީން މިއަދު ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އެއް ދަންފަޅިއާ ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ވެސް ކިޔަވައިދޭން ފަށާނީ ހެނދުނު 8:30 އާއި9:00 އާ ދެމެދުގައި ކަމަށާއި ކިޔެވުން ނިމޭ އެންމެ ފަހު ގަޑިއަކީ މެންދުރުފަހު 3:00 ކަމަށެވެ.
ކިޔަވައިދޭ ދަންފަޅިތަކުގެ ދިގު މިނުގެ ގޮތުގައި އެ މިނިސްޓްރީން ބުނެފައި ވަނީ އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުން 1 ގަޑި އިރާއި 30 މިނެޓު ކަމަށާއި ގްރޭޑް އެކަކުން 6 އަށް 2 ގަޑި އިރާއި 30 މިނެޓު ކަމަށެވެ. އަދި ގްރޭޑް 7 އިން 12 އަށް 3 ގަޑި އިރު ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.އެ ސާކިއުލާގައި ބުނެފައި ވަނީ ރޯދަ މަހު ކިޔަވައިދޭ ވަގުތު މަދުކަމުން ގަޑިއެއްގެ ދިގުމިން ވާން ޖެހޭނީ 30 މިނެޓާއި 45 މިނެޓާ ދެމެދު ކަމަށާއި ރޯދަ މަހުގެ ދެ ހަފްތާ ތެރޭ ހުރިހާ މާއްދާއެއް ކިޔަވައިދޭ ގޮތަށް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ޓީޗަރުންގެ މަސައްކަތުގެ ގަޑި 4 ގަޑިއިރަށްވުރެ ދިގު ނުކުރުމަށާއި ކިޔެވުން ކުރިއަށް ގެންދާ ވަގުތުތަކުގައި އިދާރީ އޮފީހުގެ މަސައްކަތްތައް މެދު ނުކެނޑޭނެހެން އިދާރީ މުވައްޒަފުންގެ ގަޑިތައް ރޭވުމަށް އެ މިނިސްޓްރީގެ ސާކިއުލާގައި އިލްތިމާސްކޮށްފައި ވެއެވެ.







ކޮމެންޓް