ކޮވިޑް-19 އަށް ޝައްކުވި މީހަކު ކަރަންޓީނަށް ދާން ދެކޮޅު ހެދި މައްސަލަ ފުލުހަށް
ސައުތު ކޮރެއާއިން ރާއްޖެއައި ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނުމުން އޭނާ ކަރަންޓީނުވުމަށް ފަރުކޮޅުފުއްޓަށް ދާން ބުނުމުން އެކަމަށް އެއްބާރުލުން ނުދިން މައްސަލައެއް ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ބަލަމުން ދަނީ ވޭތުވެ ދިޔަ 14 ދުވަހުގެ ތެރޭ ދެކުނު ކޮރެއާއަށް ދަތުރުކޮށް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތްތަކެއް ފެނުނު ވިލިމާލޭގައި ދިރިއުޅޭ ފިރިހެނެއްގެެ މައްސަލައެއް ކަމަށެވެ. އެގޮތުން މި ފިރިހެން މީހާ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތްތަކެއް ފެނުމުން ފަރުކޮޅު ފުއްޓަށް ބަދަލުކުރެވެންދެން ގޭގައި މަޑުކުރުމަށް އެންގުމުން އެކަމަށް އެއްބާރުލުން ނުދިން މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
މި މައްސަލައަކީ އާންމުންގެ ރައްކާތެރިކަމަށް ހުރި ނުރައްކަލެއްކަމުން ފުލުހުން މިއަދު ވިލިމާލެއަށް ގޮސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެޗްޕީއޭއާއި ހަވާލުކޮށްފައިވާކަން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ޚިލާފަށް އަމަލު ކުރާ މިހުންގެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަށް ވަނީ ބުނެފައެވެ. އެގޮތުން ޕީނަލް ކޯޑްގެ 121 މާއްދާގެ ދަށުން މި މައްސަލަ ދަނީ ތަޙްޤީޤުކުރަމުންންވެ.
ދެކުނު ކޮރެއާއިން އެނބުރި އައި ދިވެހި މި ފިރިހެންމީހާ އޭނާ މިހާރު ވަނީ ފަރުކޮޅުފުށީގައި ހުންނަ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައެވެ. މިއާއިއެކު ފަރުކޮޅުފުށީގައި ކަރަންޓީންކުރި މީހުންގެ އަދަދު މިވަނީ 23 އަށް އަރާފައެވެ.