ސަރުކާރުން އެއްވުންތަކަށް ހުރަސްއަޅާ ކަމަށް ބުނަން އިދިކޮޅު ލަދުގަންނަން ޖެހޭ: ޕީއެންސީ/ޕީޕީއެމް
މި ސަރުކާރުން އެއްވުންތަކަށް ހުރަސްއަޅާ ވާހަކަ އިދިކޮޅުން ދެއްކުން އެއީ ލަދުވެތިކަމެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ގިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާ ހުއްޓުވަން ހިންގި އަމަލުތަކަކީ ޑިމޮކްރެސީ އަށް ހުރަސް އެޅުން ކަމަށް ބުނެ އިދިކޮޅުން ކުރަމުން އަންނަ ތުހުމަތުތަކާއި ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، ނިމިދިޔަ ފަސް އަހަރު ތެރޭގައި ހިނގި އެއްވުންތަކާއި މުޒާހަރާތަކަށް އެމްޑީޕީގެ ސަރުކާރުން ވަނީ އަނިޔާވެރި އެތައް ގޮތަކަށް ހުރަސް އަޅާފައި ކަމަށެވެ.
އަދި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްގެން ބައެއް ފަރާތްތަކަށް ޓާގެޓުކޮށްފައި އެބަ ހުރި ކަމަށާއި، އެ މުޒާހަރާތަކާއި އެއްވުންތައް ކަވާކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް އަނިޔާ ކޮށްފައިވެސް އެބަ ހުރި ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން މި އެއްވުންތައް ހުއްޓުވަން މަސައްކަތް ކުރި ފުލުހުން ވަނީ އަންހެން ބޭފުޅުންގެ ލަދުވެތި ގުނަވަންތަކަށް ޓާގެޓުކޮށްގެންވެސް ހަމަލާދީ މުޒާހަރާތަކުގައި އެއްވެ އުޅުނު މީހުންގެ ގަޔަށް ކަރުނަ ގޭސް ޖަހާފައި ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ހީނާ ވަނީ އެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯވެސް ނޫސްވެރިންނަށް ދައްކާލާފައިއެވެ.
އަދި އެ ވީޑިއޯތަކުގައި ވަނީ ފިރިހެން ފުލުހުން ނިކުމެ އަންހެން ކަނބަލުން ހައްޔަރުކޮށްފައިވާ މަންޒަރުތަކާއި އުމުރުން ދުވަސްވީ މީހުން ފަހަތުން ދުވާ މަންޒަރުތައްވެސް ހާމައަށް ފެނެއެވެ.
މިކަންކަން ހިނގާފައިވަނީ ސީދާ ކުރިގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޯޑަރުގެ ދަށުން ކަމަށާއި މިއަދު އެވާހަކަ ދެއްކުން ހުތުރު ކަމަށް ހީނާ ވިދާޅުވިއެވެ.
"އޭރު ފެނިގެން ދިޔައީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޯޑަރަށް ސުލްހަވެރި އެއްވުން ތަކަށް ފުރުސަތު ނުދީ އަނިޔާވެރި ކަމާއި އެކު އެކި ފަރާތްތައް ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު،"
ހީނާ ވިދާޅުވީ ނިމިދިޔަ ސަރުކާރުން ވަނީ އިންތިހާބާއި ދިމާކޮށް ކުރިއަށްދާ މައްސަލައަކަށް ނުފޫޒު ފޯރުކޮށްފާނެ ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބަންދުކޮށްފައި ކަމަށެވެ. ނަމަވެސް އެއީ އިންތިޚާބަށް ހުރަސް އެޅިދާނެތީ އެ ސަރުކާރުން ގާނޫނަށް ނުފޫޒު ފޯރުވަންވެގެން ކުރި ކަމެއްކަން ފަހުން ވަނީ ހާމަވެފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ އިތުރަށް ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމަށް އެއްވެސް ހުރަހެއް އެޅުން އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިލައްވާ ގޮތެއް ނޫންކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަ ޖެހޭނެ ކަމަށް ރައީސް ގަބޫލުފުޅު ކުރައްވާކަމަށެވެ.