ކެންޑިޑޭޓުންނާއި ޕާޓީތަކާ ގުޅޭ ގޮތުން ދޮގު ވާހަކަ ނުފަތުރަން އިލްތިމާސްކޮށްފި
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ޕާޓީތަކާއި ގުޅޭގޮތުން ދޮގު ވާހަކަ ނުފެތުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން އިލްތިމާސްކޮށްފިއެވެ.
އެޗްއާރްސީއެމުން މިއަދު އާންމުކުރި ނޫސްބަޔާނުގައި ބުނެފައި ވަނީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކޮށް ކެމްޕޭން ހަރަކާތްތައް ހިންގުމަކީ ގާނޫނު އަސާސީއިން ލާޒިމްކުރާ ހައްގުތަކެއް ކަމަށެވެ.
ނަމަވެސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުން ތަމްސީލުކުރައްވާ ޕާޓީތަކާއި ގުޅޭގޮތުން ދޮގު ޚަބަރު ފަތުރަމުން އަންނަކަން އެ ކޮމިޝަނަށް ވަނީ ފާހަގަވެފައިކަން އެ ބަޔާނުގައި ވަނީ ބުނެފައިއެވެ. އަދި މި މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ވީހާވެސް އަވަހަށް ބެއްލެވުމަށް ފަހު ފިޔަވަޅުއެޅުއްވުމަށްވެސް އެ ކޮމިޝަނުން ވަނީ ގޮވާލާފައިއެވެ.
އަންނަ ހަފްތާގެ އާދިއްތަ ދުވަހު ބާއްވަނަ ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ސަބަބުން ވަޒީފާގެ ބިރުދެއްކުން ފަދަ އަމަލުތައް ހިންގާ ވޯޓަށް ނުފޫޒު ފޯރުވުން ފަސަ އަމަލުތައް ހުއްޓާލުމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައިއެވެ.
ވޯޓަށް ނުފޫޒުފޯޜުވުމުގެ އިތުރުން ކެމްޕޭނަށް ބޭނުންކުރެވޭ އެކި އާލާތްތަކަށް ގެއްލުން ދިނުމަކީވެސް ގަނޫނު މަނާކުރާކަމެއްކަމަށާއި މިފަދަ އަމަލުތަކަށް ވީހާވެސް އަވަހަށް ފިޔަވަޅު އެޅުމަށްވެސް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް އުނިކަން އައިސް ވޯޓަށް ނުފޫޒު ފޯރުވޭ އަމަލުތަކުން ދުރުހެލިވުމަށާއި ވޯޓު ގަތުމަށް ބޭނުންކުރެވޭ ރިޝްވަތުގެ މުއާމަލާތްތަކާއި ދުރުހެލިވުމަށް ވެސް އެޗްއާރްސީއެމްއިން ވަނީ އިލްތިމާސްކޮށްފައިއެވެ.