ޚަބަރު ސިޔާސީ

ހޯރަފުށި ކައުންސިލުގެ ވަސީލަތްތައް ކެމްޕޭނަށް ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފި

ފައިނާ ފާއިޒް ، ދެން އޮންލައިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ހއ. ހޯރަފުށި ކައުންސިލުގެ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށް ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް ތުހުމަތުކޮށްފިއެވެ.

Ads by Sosun Fihaara

އެފަދަ ތުހުމަތުތަކެއް ކުރީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ނެެރުނު ބަޔާނެއްގައެވެ.

އެޕާޓީން ބުނީ، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ހޯރަފުށި ކައުންސިލުން ދަނީ ސަރުކާރު ކެންޑިޑޭޓާ ދެކޮޅަށް އެންޓި ކެމްޕެއިން ކުރުމުން ކަމަށެވެ. އަދި ކައުންސިލާއި މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގެ ބަދަލުގައި ރަސްމީ ގަޑި އަދި ނުރަސްމީ ގަޑިތަކުގައިވެސް އެމްޑީޕީގެ ކެންޑިޑޭޓަށް ކެމްޕޭނުކުރަމުން ކަމަށްވެސް ޕްރޮގްރެސިވް ކޮންގްރެސްއިން ތުހުމަތު ކުރިއެވެ.

"އެގޮތުން ކައުންސިލްގެ މުވައްޒަފުން ކެމްޕެއިންގައި ބޭނުންކުރުމާ، ތަނުގައި ހުރި ވެހިކަލްތަކާއި ޕްރިންޓަރާ ކަރުދާހާއި އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރަމުން އެބަދޭ"

ކައުންސިލުން ގޯތި ދިނުމާއި މިހާރު ކައުންސިލުން ބިން ދޫކޮށްފައިވާ ފަރާތްތަކުގެ ބިން ބޮޑުކޮށްދޭނެ ކަމަށް ބުނަމުންދާ ކަމަށް ޕީއެންސީ/ޕީޕީއެމުން ބުންޏެވެ.

ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި އެ ކައުންސިލުން ބޭނުންކުރަމުންދާ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ބަލައި ތަހުގީގުކުރަން ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ހޯރަފުށީ ކައުންސިލުން އިދިކޮޅު ކެންޑިޑޭޓަށް ކެމްޕޭނު ކޮށްދެމުންދާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތުހުމަތުކޮށްފައިވާއިރު މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ މިހާރުވެސް މަޖިލީހުގައި އެ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ސަލީމް (ސައްލެ) އެވެ. ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ އަލީ މޫސާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!