ޚަބަރު ސިޔާސީ

ހިންނަވަރަށް "ބަހާރު މޫސުން" އައިސްގެން މިރޭ ހަވާ އަރުވަނީ، ޕީއެސްއެމްއިން ލައިވް ކުރާނެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޅ. ހިންނަވަރު

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޅ. ހިންނަވަރު ދާއިރާއަށް ވާދަކުރެއްވި ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓު މުހައްމަދު އަބްދުއްރަހުމާން އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ ހިންނަވަރުގައި ހަވާ އަރުވަން ތައްޔާރުވެއްޖެ އެވެ.

މިމަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ހިންނަވަރުގެ ދިގު 30 އަހަރުގެ ސިޔާސީ ތާރީހު ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން އެދާއިރާގެ ގޮނޑި މިދިޔަ ހަ ދައުރުގައިވެސް އެމްޑީޕީން ދިފާއު ކުރިއިރު މިއަހަރުގެ އިންތިހާބަކީ އެޕާޓީ ނޫން ޕާޓީއަކަށް ހިންނަވަރު ގޮނޑި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

ޕީއެންސީ ކެނޑިޑޭޓުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ 9:00 ގައި ހިންނަވަރުގައި ބޮޑު ރަސްމިއްޔާތެއް ބާއްވަން ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން ރަސްމީ ބައި ނިންމުމަށްފަހު ބޮޑުބެރު ޝޯއެއްވެސް ބާއްވަން ވަނީ ނިންމައިފަ އެވެ. އަދި އެއަށްފަހު ކުލަގަދަކޮށް މިކަން ފާހަގަކުރަން ހަވާ އެރުވުންވެސް އޮންނާނެ އެވެ.

ގާތްގަނޑަކަށް 3،000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ހިންނަވަރުގެ ގޮނޑި މުހައްމަދު އަބްދުއްރަހުމާން ކާމިޔާބު ކުރެއްވީ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ ވޯޓާއިއެކު އެވެ. މި އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީ ކެނޑިޑޭޓު ޖީހާން މަހަމޫދަށް ލިބިލެއްވީ 900 އެއްހާ ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދުއް ސަލާމް އަށް ލިބިލެއްވީ 600 އެއްހާ ވޯޓެވެ.

ހިންނަވަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށާއި ޕީއެންސީއަށްވެސް ލިބުނު ކާމިޔާބީތަކުގެ ތެރެއިން މިއިންތިހާބުގައި ލިބުނު އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީ އެވެ. އެރަށަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އުފަން ރަށެވެ. އަދި އެމަނިކުފާނު ފަސް ދައުރު ވަންދެން މެމްބަރުކަން ކުރެއްވި ދާއިރާ އެވެ.

"ބަހާރެކޭ" ގެ ނަމުގައި ހިންނަވަރުގައި މިރޭ ބާއްވާ ހަރަކާތް ޕީއެސްއެމް ނިއުސްއިން ލައިވް ކުރާނެ އެވެ. މި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވަނީ އެރަށުގެ ބަނދަރު ސަރަހައްދުގަ އެވެ. މިއީ ދުވަސްތަކަކަށް ފަހު މިހާ ކުލަ ގަދަކޮށް އެރަށުގައި ސިޔާސީ ހަރަކާތެއް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!