ޚަބަރު

ސިފައިންގެ އަސާސީ ތަމްރީން ފުރިހަމަކުރި ދަރިވަރުންނަށް ރައީސް ބަޑި ހަވާލުކޮށްދެއްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ސިފައިންގެ އަސާސީ ތަމްރީން ފުރިހަމަކުރި ދަރިވަރަކަށް ރައީސް ބަޑި ހަވާލުކޮށްދެއްވަނީ - ފޮޓޯ: ރައީސް އޮފީސް

އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ދަށުން ހިންގާ "ދަ ބޭސިކް ސްކޫލް" ގެ އަސާސީ ތަމްރީނު ފުރިހަމަކުރި ދަރިވަރުންނަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ބަޑި ހަވާލުކޮށްދެއްވާ ރަސްމިއްޔާތު ބާއްވައިފިއެވެ.

Ads by Hajj Corporation

ރަސްމިއްޔާތު ބޭއްވީ ‏މިއަދު ހަވީރު ގިރިފުށީގައެވެ.

ތަމްރީނު ކޯސް ‌‏ފުރިހަމަ ކުރި ދަރިވަރުންނަށް ހުވާ ލައި ދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. އަދި ތަމްރީނު ފުރިހަމަކޮށް ހުވާކުރެއްވި ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، މުއިއްޒެވެ.

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯސް ފަށާފައިވަނީ އޮކްޓޫބަރު 28، 2023 ގައެވެ. މި ކޯހުގައި 135 ދަރިވަރުން ބައިވެރިވެ 98 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ އަންހެން ދަރިވަރުންނާއި 89 ފިރިހެން ދަރިވަރުންނެވެ.

ތަމްރީނު ކޯހުގެ އެއްވަނަ ހޯދީ، އަންހެން ދަރިވަރެކެވެ. އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހޯދި ދަރިވަރަކީ ހަމްނާ ރަޝީދެވެ.

މި ރަސްމިއްޔާތަށް ފަހު ‏މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސްޕެޝަލް ފޯސްގެ ފަރާތުން ވަނީ "ސްޕެޝަލް ފޯސް އޮޕަރޭޝަން ޑިސްޕްލޭ" އެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައިދެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!