ޚަބަރު ރައްޔިތުންގެ މަޖިލިސް

ޞާލިހުގެ ސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރީ ކީއްވެތޯ ސުވާލު އުފައްދަވައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު

އިޒްރޭލުން ފަލަސްތީނަށް ދެމުންދަނީ ސިލްސިލާ އަނިޔާތަކެއް ކަމަށާއި ފާއިތުވި 5 އަހަރުވެސް ކޮންމެ ރަމަޟާން މަހަކު ފަލަސްތީނު މުސްލިމުންދާ ދެކޮޅަށް އިޒްރޭލުން އަނިޔާ ދިންއިރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ބިލެއްހާ މިންވަރުވެސް ރައްޔިތުންގެ މަޖިލީހަށް ހުށަނޭޅީ ކީއްވެތޯ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ސުވާލު އުފައްދަވައިފި އެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމު ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަން ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ. މި ބިލު ހުށަހެޅީ އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުގެ ދައުރު ނިމި 20 ވަނަ ދައުރު ފެށުމާއިއެކު އެވެ.

މިމައްސަލައިގެ ބަހުސް މިއަދު ކުރިއަށް ދިޔައިރު ބާރަށު މެމްބަރު ޝުޖާއު ވިދާޅުވީ އެމްޑީޕީން މަޖިލީހަށް ބިލު ހުށަހެޅީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ލިބިވަޑައިގެންނެވި ކޮންމެ ފުރުސަތެއްގައި ބައިނަލްއަގުވާމީ ޕޯޑިއަމްތަކުގައި އިޒްރޭލާއި ދެކޮޅަށް އަޑު އުފުލަމުން ގެންދަވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންގެ ހައްގުގަ އެމަނިކުފާނު (ރައީސް މުއިއްޒު) ކުރައްވަމުން ދާއިރު، ކުއްލިއަކަށް ހީލަތްތެރި ރޭވުމެއްގެ ތެރެއިން އަޅުގަނޑުމެން މިކަން ނުކުރާ ކަމަށް ހަދާ ސަރުކާރުގެ ބޮލުގަ މިކަން އުޅުވުމަށް ކުރެވޭ މަސައްކަތަކީ މިއީ ހަގީގަތުގަ ވަރަށް ދެރަ ކަމެއްގެ ގޮތުގަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުން" ޝުޖާއު ވިދާޅުވި އެވެ.

މިއަދު މަޖިލީހުގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ސަރުކާރުގެ ވެރިން އިޒްރޭލު މައްސަލައިގައި އިނގިރޭސި ބަހުން ވާހަކަ ނުދައްކާކަމަށް ވިދާޅުވެފަ އެވެ. މިކަމަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަކީ ދުނިޔޭގެ ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް ޔޫއެންގައި ހުންނަވާވެސް ފަލަސްތީނުގެ ދިފާއުގައި ޝާހިދު ކުރެއްވި އެއްވެސް ކަމެއް ފެންނަން ނެތްކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި ރައީސް ޞާލިހުގެ ވެރިކަމުގައި އެމްޑީޕީން ހުށަހަޅައިގެން ގާނޫނަށް އިސްލާހެއް ގެންނަންވެސް އޭރު ނުކެރުނު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މެމްބަރު ވިދާޅުވީ މަޖިލީހުގައި މާގިނަ ވާހަކަ ޕީއެންސީ މެމްބަރުން ނުދައްކަވަނީ މިމައްސަލަ އަވަސް ކުރުމުގެ ބޭނުމުގައި ކަމަށެވެ. ވާހަކަ ނުދައްކައި ކޮމިޓީއާއި ހަމައަށް މިމައްސަލަ ގެންދަން ޕީއެންސީން މަސައްކަތް ކުރަމުން ދާކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އެހެންނަމަވެސް ހީލަތްތެރި ގޮތަކަށް އިއްޒަތްތެރި 12 މެމްބަރުން ވާހަކަ ދައްކާ މިކަން ދިގު ދެންމުމަކީވެސް ހީލަތްތެރި ރޭވުމެއްގަ ކުރާ ކަމެއް" ޝުޖާއު ވިދާޅުވި އެވެ.

ޕީއެންސީ ސަރުކާރުގެ ނިޔަތް ދިވެހި ރައްޔިތުންނަށް ވަރަށް ސާފު ވާނެކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި މިހާރު ފެނިގެން ދަނީ ރައީސް މުއިއްޒު ބައިނަލްއަގުވާމީ ޕޯޑިއަމްތަކުގައި އިޒްރޭލު ކުށްވެރިކޮށް ދެއްކި ވާހަކަތަކަށް ލިބުނު ސަމާލުކަން ހަޖަމު ނުވެގެން އުޅޭ މަންޒަރު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީކާއިލް ހުށަހަޅުއްވައިގެން އުޅޭ އިސްލާހަކީ ހެޔޮ ނިޔަތެއް އޮވެގެން ފަލަސްތީނު މުސްލިމުންގެ ދިފާއުގައި ހުށަހެޅި އިސްލާހެއް ނޫންކަމަށްވެސް މީކާއިލް ވިދާޅުވި އެވެ.

"މިއީ ޗަރުކޭސް ކުޅެންވެގެން. މިވޭތުވެދިޔަ 5 އަހަރުގެ ސަރުކާރުގަ ލާންވީނޫންތޯ. ގާނޫނަށްވެސް އިސްލާހު ގެންނަންވީ ނޫންތޯ. ކީއްވެގެންތޯ ނުކުރީ. ހީލަތްތެރިކަމުން" ޝުޖާއު ވިދާޅުވި އެވެ.

އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނަސް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭގޮތަށް ހަދަން ރައީސް މުއިއްޒުގެ ކެބިނެޓުންވެސް ވަނީ ފާސްކޮށްފަ އެވެ. އެހެންނަަމަވެސް މީކާއީލްގެ ބިލަށް ޕީއެންސީން ތާއީދު ކުރާކަން ސީދާ ހާމަކޮށްފައެއް ނުވެ އެވެ.

Ads by Allied Insurance
  1. ކިލަމަންޑާ

    ކުރީ ސަރުކާރުން ނުނެއްޓެވިގެން. ބަދަލު ކުރީ ކުރިން ރަނގަޅު ނުން ކަންކަން ހުރީމަ. ތިއީވެސް ފަސްއަހަރުގެ ބައެއް. މިހާރު ހުރި މިސްރާބުން ބަދަލުކުރާނެ ރައްޔިތުން. ހަމައެކަނި ކަރަންޓްބިލުން ވައްކަންކުރުންވެސް

  2. ފާތުން

    ސޯލިހުސަރުކާރު ކަމުނުދާތީ ޕީއެންސީއަށް މަޖިލިސް މިދިނީ. ދެން ކުރީ ސަރުކާރޭ ކުރީ މަޖިލީހޭ ކިޔާނެ ކަމެއްނެތް.