އިޒްރޭލާ ގުޅޭގޮތުން ގާސިމް ދެއްކެވި ވާހަކައަށްފަހު ވިލާގެ ވިޔަފާރިތައް ބޮއިކޮޓްކުރަން ގޮވަނީ
އިޒްރޭލު ޕާސްޕޯޓު މަނާކުރުމާ ދެކޮޅު ހައްދަވައި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާގެ ވިޔަފާރިތައް ބޮއިކޮޓް ކުރަން ގޮވާލާ އަޑު ސޯޝަލް މީޑިއާގައި ގަދަވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ހޯމަ ދުވަހު އޮތް ޖަލްސާގައި ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ހުށަހެޅި ބިލަށް ބަހުސް ކޮށްފަ އެވެ. މި ބަހުސްގެ ތެރޭގައި ވިލާ ގްރޫޕުގެ އޯނަރު ގާސިމް ވިދާޅުވީ ދިވެހިން އުމްރާ އަށް ދާ ތިން ހަރަމުގެ ތެރެއިން އެއް ހަރަމު ހުންނަ ބިމެއްގައި ދިރިއުޅޭ މީހުން މަނާކުރުމުގެ ކުރިން ވިސްނާލަން ޖެހޭ ކަމަށެވެ.
މި ބިލު ފާސްކޮށްފިނަމަ އިޒްރޭލުގައި ދިރިއުޅޭ ޔަހޫދީންނަށް އެތެރެ ނުވެވޭނެ ކަމަށާއި އެއީ ﷲ ބާވާލައްވާފައިވާ ދީނެއްގައި ރަސޫލުންނަށް އީމާންވެފައި ތިބި ބަަޔަކު މި ގައުމަށް ވަނުމަށް ދެކޮޅު ހެދުންކަމަށްވެސް ގާސިމް ވިދާޅުވި އެވެ. ސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވާން ބޭނުން ނުވާކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
އޭނާގެ މިވާހަކަތަކާއި ގުޅިގެން ވިލާ ވިޔަފާރިތައް ބޮއިކޮޓް ކުރަން އެދުވަހު ސޯޝަލް މީޑިއާގައި ވަނީ ގޮވަން ފަށައިފަ އެވެ. މި ކެމްޕެއިން ފުޅާވެ އިތުރު މީހުންވެސް މިހާރު ދަނީ ސޯޝަލް މީޑިއާގައި ވިލާ ވިޔަފާރިތައް ބޮއިކޮޓްކުރަން ގޮވަމުންނެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުންވެސް ނިންމާފައިވާއިރު މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ރާއްޖެއަށް ލިބޭނެ ގެއްލުންތަކުގެ ފުރިހަމަ އެސެސްމެންޓެއް ހެދުމަށް ގޮވާލައިފަ އެވެ. އެގޮތުން މިހާރު ރާއްޖެ ޒިޔާރާތް ކުރަން ބުކިން ހައްދާފައިވާ އިޒްރޭލު ފަތުރުވެރިން ބުކިން ކެންސަލް ކުރުމުން ރިސޯޓުތަކަށް ލިބޭނެ ގެއްލުންތައް ވަޒަން ކުރަން މެމްބަރުން ވަނީ ގޮވާލައިފަ އެވެ.
ބާވައިލެއްވި ހަމައެކަނި ދީނަކީ އިސްލާމްދީން އެދީނުގަ ހަތަރު މަޒްހަބްވޭ ހަތހަރު އިމާމުންނަކީވެސް އެދީނުގެ މީހުން