ޚަބަރު

ޖަމީލު މަރުވި ވަގުތުން ފެށިގެން މައްސަލައިގެ މައުލޫމާތު ދަނީ އެއްކުރަމުން: އެޗްއާރުސީއެމް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ށ. ފުނަދޫ ޒަމާނީ ވިލާ މުޙައްމަދު ޖަމީލް (45 އަހަރު) ނިޔާވި ވަގުތުން ފެށިގެން އެ މައްސަލައިގެ މައުލޫމާތުތައް އެއްކުރަން ފަށާފައިވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

Ads by Sosun Fihaara

ޖަމީލު ނިޔާވީ ޖަލުގައި ލިބުނު އަނިޔާތަކަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދައުރުކުރުވަން ފެށީ، ޖަމީލު ނިޔާވެފައި އޮއްވާ ނަގާފައިވާ ފޮޓޯތަކެއް ބޭނުންކޮށްގެންނެވެ. އެ މައްސަލަ ބެލުމަށް ޑިކޮމްރެޓްސް ޕާޓީން އެޗްއާރުސީއެމަށް ހުށަހެޅި ކަން މިއަދު ހާމަކުރި އެވެ.

އެ ކަމާ ގުޅިގެން އެ ކޮމިޝަނުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވެއްޖެނަމަ އެ ކަން ހިނގައިދިޔަ ގޮތް ބެލުމަށް އެ ކޮމިޝަނުގައި ތައްޔާރީ ހާލަތުގައި ނުކުމެ މަސައްކަތް ކުރާނެ ރެޕިޑް ރެންސްޕޮންސް ޓީމެއް އެކުލަވާލައި ހަރަކާތްތެރިވާން ފަށާނެ ކަމަށެވެ.

ކޮމިޝަނުގައި އަބަދުވެސް އޮންނަ އެ އުސޫލުގެ ދަށުން ޖަމީލު ނިޔާވި ހަބަރު ކޮމިޝަނަށް ލިބުމުން އެ ޓީމުން ވަގުތުން ހަރަކާތްތެރިވާން ފަށައި އޭނާގެ ހަށިގަނޑުގެ ފޮޓޯ ވެސް ނަގާފައިވާނެ ކަމަށެވެ. އަދި ކަރެކްޝަންސްގެ އޮފިސަރުންނާއި އާއިލާގެ ފަރާތުން ސާފުކުރަން ޖެހޭ މައުލޫމާތުތައް ސާފުކުރި ކަމަށެވެ.

"މުޙައްމަދު ޖަމީލްގެ މެޑިކަލް ފައިލް ބަލާފައިވާނެ އެވެ. އަދި ހަމަ މިއާ އެކު މާފުށީ ޖަލަށް ޒިޔާރަތްކޮށް، މި ހާދިސާގެ ސީސީޓީވީ ފުޓޭޖު ބަލައި، މުޙައްމަދު ޖަމީލު ހުރި ގޮޅި ބަލައި، އެ ޔުނިޓުގައި ތިބި ބަން ދުމީހުންގެ ފަރާތުންނާއި، މުޙައްމަދު ޖަމީލު ކުރިން ހުރި ގޮޅީގައި ތިބި ބަންދުމީހުންގެ ފަރާތުން މަޢުލޫމާތު ސާފުކޮށްފައިވާނެ އެވެ." އެޗްއާރުސީއެމުން ކުރި މަސައްކަތް ތަފްސީލްކޮށްދީ ލިޔެފައިވެ އެވެ.

އަދިވެސް ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.