ފަނޑިޔާރުންގެ އިންޝުއަރެންސް ޕްރިމިއަމް ބޮޑުކުރަން މެމްބަރުން ދެކޮޅު
ފަނޑިޔާރުންނާއި ރިޓަޔާކޮށްފައިވާ ފަނޑިޔާރުންގެ އިންޝުއަރެންސް ޕެކޭޖުގެ ޕްރިމިއަމް ބޮޑުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުން މިއަދު ދެކޮޅު ހައްދަވައިފި އެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ވަނީ، ފަނޑިޔާރުންގެ އިންޝުއަރެންސް ހަމަޖައްސައިދިނުމަށް އަމަނާތަކާފުލް މޯލްޑިވްސް އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފަނޑިޔާރުންނަށް ލިބޭ ޕްރީމިއަމް ޕެކޭޖަށް އިތުރަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިދިޔަ މޭ މަހުގެ 6 ގައި ފޮނުވި ސިޓީއާ ގުޅިގެން މަޝްވަރާކުރައްވާފަ އެވެ.
އެ ސިޓީ ކޮމިޓީގައި އިއްވުމުން ކޮމިޓީގެ އިދާރީ މުވައްޒަފުން ވަނީ އެކަމާ ގުޅޭ ތަފްސީލު މެމްބަރުންނާ ހިއްސާކުރައްވާފަ އެވެ. މުވައްޒަފުން ވިދާޅުވި ގޮތުގައި ދައުލަތުން އިންޝުއަރެންސް ފޯރުކޮށްދޭ ފަރާތްތަކަށް މަޖިލީހުން ޕްރިމިއަމްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާގެ ޕްރީމިއަމްގެ އަގުތައް އުޅެނީ 24،000ރ. އިން 9000ރ. އާއި ދެމެދުގައި ކަމަށެވެ. އެ އަގުތަކަކީ:
- ސުޕްރީމް ކޯޓު: 24،000 ރުފިޔާ
- ހައި ކޯޓު: 14،500 ރުފިޔާ
- ކްރިމިނަލް ކޯޓު: 12،000 ރުފިޔާ
- ކްރިމިނަލް، ފެމިލީ އަދި ޖުވެނައިލް ކޯޓު: 12،000 ރުފިޔާ
- މެޖިސްޓްރޭޓުން: 9،000
"އެބޭފުޅުންގެ ކޮންސާންއަކަށް ވަނީ 24،000 އަށް މިހާރު މަޖިލީހުން އެންމެ ފުރަތަމަ ކަނޑައަޅާފައިވާ ޕެކޭޖުގެ ކަވަރޭޖެއް ނުލިބޭ އަސްލު އެ ޕްރައިސް އަކަށް (އެ އަގަކަށް) މިހާރު. އެހެންމަ މަޖިލީހުން ވެސް މި ނަގަނީ ލޯވާ ލެވެލްގެ ކަވަރޭޖެއްގައި ޕްރިމިއަމް ނަގަނީ. އެކަމަކު ޖުޑިޝަރީގައި ޖެހޭ މައްސަލައަކީ އެބޭފުޅުންގެ ކަވަރޭޖް ބަދަލުކުރަން ބޭނުންނުވާތީ އެބޭފުޅުން ބުނަނީ ޕްރިމިއަމް ބޮޑުކޮށްދޭށޭ" އިދާރީ މުވައްޒަފު ވިދާޅުވި އެވެ.
މުވައްޒަފު ވިދާޅުވި ގޮތުގައި ޕްރިމިއަމް ބޮޑުކޮށްދެވޭނީ އެކަމުގެ ސަބަބުން ކުރާނެ އަސަރުތަކަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން، ޖޭއެސްސީން އެދިފައިވާ ގޮތަށް އިންޝުއަރެންސް ބޮޑުކޮށްދީފި ނަމަ މިއަހަރުގެ ބަޖެޓަށް ވެސް 5.7 މިލިއަން ރުފިޔާ އިތުރުކުރަން ޖެހޭނެ ކަމަށެވެ.
މި މައްސަލައާއި ގުޅިގެެން ވާހަކަދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ އެކަމާ ދެކޮޅު ހައްދަވާފަ އެވެ. ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވި ގޮތުގައި، އިންޝުއަރެންސް ބޮޑުކުރުމުގެ ސަބަބުން މާލިއްޔާއަށް އަސަރުކުރާނެ ކަމަށް ބެލެވޭއިރު، މިކަމާ ގުޅިގެން ދިރާސާކުރުމަށްޓަކައި ފިނޭންސްގެ ބަހެއް ވެސް ހޯދަން ޖެހޭ ކަމަށެވެ.
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވީ، ސަރުކާރުން ހަރަދުކުޑަކުރުމުގެ ސިޔާސަތުތަކެއް ތަންފީޒުކުރަމުންދާއިރު ބަޖެޓަށް 5.7 މިލިއަން އިތުރުކުރުމާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ. އެގޮތުން އިންޝުއަރެންސްގެ ހުރިހާ ކަމަކަށް ދައުލަތުން ހަރަދުކުރަން ޖެހުމަކީ އުފުލަންޖެހޭ މާލީ ބުރައެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވީ " އަޅުގަނޑަކަށް ނުފެނޭ މި ފައިސާ ހަމަޖައްސާކަށް، އަދި ސަޕްލިމެންޓްރީ ބަޖެޓެއްގެ ތެރެއިންވެސް އެއްގޮތަކަށް ވެސް" އެވެ.
ކޮމިޓީގެ އެހެން މެމްބަރުން ވެސް ވަނީ އެކަމާ ދެކޮޅު ހައްދަވާފަ އެވެ.