ވަކި ޕާޓީއެއްގެ ބަޔަކަށްވީތީ ނަފުރަތުގެ ލޭބަލްތައް އެޅުވިގެން ނުވާނެ ކަމަށާއި އެކަން ކުރުން ހުއްޓާލަން ޖެހޭ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެ ޓީވީން މިއަދު ހެނދުނު ގެނެސްދިން ހާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މިއަދު ކުރަންވީ ކަމަކީ ނަފުރަތު އުފެއްދުމާއި މީހުންގެ ހިތުގައި ބިރުވެރިކަން އުފެއްދުން ހުއްޓާލުން ކަމަށެވެ. ފާހަގަކުރަމުން މިދާ މިނިވަން ދުވަހާ އެކު ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް އެކަން ކުރުން ހުއްޓާލުމަށް ޝާހިދު ވަނީ ގޮވާލައްވާފަ އެވެ.
"ނަފުރަތުގެ ސިޔާސަތުތައް، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ސިޔާސަތުތައް. ރައްޔިތުން ވަކި ގޮތަކަށް ސިޔާސީ ގޮތުން ލޭބަލް ކުރުމުގެ ސިޔާސަތުތައް ހުއްޓާލަންވީ. ގައުމީ ކަންތައްތައްތަކުގައި ވަކި ހަމައެއްގައި ހުރިހާ ސިޔާސީ ޕާޓީތަކަށް އެއްބަސް ވެވެން ޖެހޭނެ،" ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެންނަކީ ދިވެހިން ކަމަށް އެއްބަސްވެވެން ޖެހޭ،" ކަން ފާހަގަކުރައްވާ ނިމިދިޔަ ސަރުކާރުގައި ޚާރިޖީ ވަޒީރުކަން ކުރެއްވި ޝާހިދު ވަނީ އިސްލާމް ދީން ހިމާޔަތް ކުރުމާ އެކު، ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވުމަކީ އެންމެންނަށް އެއްބަސްވެވޭ ކަމަކަށް ވާން ޖެހޭކަން ފާހަގަކުރައްވާފަ އެވެ.
މި ފިކުރުތަކާ ދެކޮޅަށް މަސައްކަތްކުރާ އަދި މި ވިސްނުންތަކާ ދެކޮޅަށް ޝައުގުވެރިވެގެން އުޅޭ އެއްވެސް ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފިތުނަ އުފެއްދުމަށް އެފަދަ ވާހަކަތައް ދެއްކުމަކީ މިނިވަން ދުވަހު އެކަމާ ދެކޮޅު ހަދަން ޖެހޭ ކަމެއް ކަމުގަ އެވެ.
އެމްޑީޕީގެ ރައީސްގެ ވާހަކައިގައި އިތުރަށް ފާހަގަކުރައްވާފައި ވަނީ މިނިވަންކަމަކީ ބައިބައިވެގެން ހިފެހެއްޓޭނެ އެއްޗެއް ނޫން ކަމާއި މިނިވަންކަމަކީ އެންމެން އެކަތިގަނޑަކަށް ވެގެން ހިފެހެއްޓޭނެ އެއްޗެއް ކަމަށެވެ.
ކަަލޯޝާހިދު ފޮރިން މިނިސްޓަރަކަށް ހުރިއިރު އުފެއްދީ ކޯއްޗެއް އިބޫސޯލިހުގެ ވެރިކަމުގަ އުފެއްދީ ކޯއޗެއް