މުނިފޫހިފިލުވުން

ކޮވިޑް19: އަތް ދޮންނާށޭ ބުނެ ދޫކޮށްލި ހަބޭސްގެ ވީޑިއޯ ، ހަބޭހަށް ބަލައިފި

ދެން އެމްވީ ، ދެން އޮންލައިން

ނުރައްކާތެރިކަން ބޮޑުވެފައިވާ ކޮވިޑް19 އާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ އެންމެ މަޝްހޫރު ބޮޑުބެރު ގުރޫޕުން ދޫކޮށްލި ''އަތް ދޮންނާށޭ ރަނގަޅަށް'' ވީޑިއާއާއެކު އެ ގުރޫޕްގެ އާ ރެކޯޑެއް ގާއިމް ކޮށްފިއެވެ.

Ads by STELCO

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ހަބޭސް ގުރޫޕުން ރިލީޒްކުރި މި ލަވައިގެ ވީޑިއޯ ބެލި މީހުންގެ އަދަދު ފަސް ދުވަސްތެރޭގައި ބައިމިލިއަން ހުރަސްކޮށް މިހާރު މިވަނީ މިލިއަނަކާއި ގާތްކޮށްފައެވެ. މިއާއެކު މިވީޑިއޯ ވެގެން ގޮސްފައިވަނީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މީހުން ބެލި ހަބޭސްގެ ވީޑިއޯ އަށެވެ.

''ދެން''އަށް މައުލޫމާތު ދެމުން ހަބޭސް ބޮޑުބެރު ގުރޫޕްގެ މެނޭޖަރ ޢަލީ ޝިފާޢު (ހަބޭސް އައްޔަ) ބުނީ ހަފްތާއެއް މިދަނޑިވަޅުގައި ''ރައްކާތެރިވުމަށް ދިން އެ މެސެޖު'' އާންމުން ބަލައިގެންފައިވާތީ ވަރަށް ބޮޑަށް އުފާ ކުރާ ކަމަށެވެ.

''ހަބޭސް އިން އެވީޑިއޯ ތައްޔާރުކުރީ ހަބޭސްގެ ސްޓައިލްގައި އެ މެސެޖު އާންމުންނަށް ދިނުމަށް ، އެކަން އެންމެން ބަލައިިގަތްކަން އުފަލާއެކު ފާހަގަ ކޮށްލަން ، ފަސް ދުވަހުން ހަލައްކަ ވިއުސް އެރީމަ ވަރަށް ބޮޑު ކުރިއެރުމެއް އެއީ ، އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ވެސް ތަފާތު ލަވަ ފެންނާނެ، ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ'' ހަބޭސް ބޮޑުބެރު ގުރޫޕްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހިންގާ ކަންކަން ފާހަގަ ކުރަމުން އައްޔަ ބުންޏެވެ.

2011 ވަނަ އަހަރު އުފެއްދި ހަބޭސް ބޮޑުބެރު ގުރޫޕަކީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ބޮޑުބެރު ގުރޫޕެވެ. މި ގުރޫޕުން ދަނީ ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް މަދަހަ ސީޑީއެއް ވެސް ނެރެމުންނެވެ.

ޓޫރިޒަމް ޕްރޮމޯޓް ކުރުމާއި މިނޫންވެސް އެކި ހަފްލާތަކުގައި ޔޫރަޕާއި އެހެނިހެން ގައުމުތަކުގައި ޝޯވ ކުޅެފައިވާ މި ގުރޫޕް ފުޅާކޮށް މިހާރު ވަނީ މި އިތުރު ދެ ބޭންޑެއް ވެސް އުފައްދާފައެވެ. އެއީ ފިޔުޝަން ބޭންޑާއި ޕޮޕް މިޔުޒިކް ބޭންޑް ލެވިޓޭޝަން އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!