މީޑިއާތަށް ރެގިއުލޭޓް ނުކުރެވޭ، ފޭކް ނިއުސް ހުއްޓުވޭނެ ގޮތެއް ނެތް: މީޑިއާ ކަައުންސިލް
މީޑިއާތައް ރެގިއުލޭޓް ނުކުރެވޭ ކަމަށާއި "ފޭކް" ނިއުސް ހުއްޓުވޭނެ ގޮތެއްވެސް ނެތް ކަމަށް މިޑިއާތައް ޖަވާބުދާރީ ކުރުމުގެ ޒިންމާ މަތިކޮށްފައިވާ މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ މިއަދުގެ ކޮމިޓީއަށް އެމްއެމްސީ ހާޒިރުކޮށް، އެ ކައުންސިލުގެ މަސައްކަތްތަަކާއި ގުޅޭގޮތުން މައުލޫމާތު ހޯދާފައިވެ އެވެ.
ކޮމިޓީ ބައްދަލުވުމުގައި ކޮލަމާފުށި ދާއިރާގެ މެމްބަރު އިބްރާހިމްދީދީ ވަނީ މީޑިއާތަކުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް އެއްވެސް ހަގީގަތެއް ނެތް ވާހަކަ ފަތުރަމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަންކަން ހުއްޓުވަން ގާނޫނީ ގޮތުން އޮތް ހުރަހަކީ ކޮބައިތޯ ކަމަށް ވިދާޅުވެ ދީދީ ސުވާލު ކުރެއްވި އެވެ.
އެ ސުވާލުގެ ޖަވާބުގައި އެމްއެމްސީގެ ޝަކުވާ ކޮމިޓީގެ މުގައްރިރު މޫސާ ރަޝީދު ވިދާޅުވީ މިސް އިންފޮމޭޝަން އާއި ޑިސްއިންފޮމޭޝަންގެ ވަަރަށް ގިނަ މައްސަލަތައް އެ ކައުންސިލަށް ހުށަހެޅޭ ކަމަށެވެ. ތަފާސް ހިސާބުތައް ހިއްސާކުރަމުން މޫސަ ވިދާޅުވީ މި ދައުރުގެ ތެރޭގައި 79 ޝަކުވާ ލިބުނުއިރު، އޭގެތެރެއިން 90 އިންސައްތަ އަކީ މިސްއިންފޮމޭޝަން ގުޅޭ މައްސަލަތައް ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ގިނައިން ހުށަހެޅިފައިވަނީ ރަޖިސްޓާނުކޮށް ހިންގަމުންދާ މީޑިއާތަކާ ގުޅޭ މައްސަލަތައްކަން މޫސާ ފާހަގަކުރި އެވެ.
މޫސާ ވިދާޅުވި ގޮތުގައި މައްސަލަތައް ބެލުމަށް އޮތް ގާނޫނީ ގޮތުންނާއި އިދާރީ ގޮތުން ވަރަށް ބައިވަރު ހުރަސްތައް ހުރި ކަމުގަ އެވެ. އެގޮތުން މިހާރު އަމަލުކުރަމުން އަންނަ ގާނޫނަކީ 2008 ވަނަ އަހަރު ވުޖޫދުކުރި ގާނޫނަކަށްވާއިރު، މީޑިއާގެ ކަންކަމާއި މައުލޫމާތު ފެތުރުމުގެ ކަންކަން މިހާރު އޮތީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ފޯނެއް އޮންނަ ސޯޝަލް މީޑިއާ އެކައުންޓެއްގައި އުޅޭ ކޮންމެ ބޭފުޅަކީ އެއީ ހަބަރެއް ފަތުރާލެވޭ މަގާމެއްގައި ހުރި މީހެއް. އަޅުގަނޑުމެންނަށް މި އުޅެނީ ރަޖިސްޓާކޮށްގެން ހިންގާ މީޑިއާތައް ވެސް ތިފަދަ ހަބަރުތައް ފަތުރާނަމަ ހަބަރުތައް ހުއްޓުވޭނެ ގޮތެއް ނެތިގެން،" ދުނިޔޭގެ އެހެން ގައުމުތަކުގައި ސޯޝަލްމީޑިއާ ރެގިއުލޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން ފާހަގަކުރައްވާ މޫސާ ވިދާޅުވި އެވެ.
މިހާރު މިފަދަ މައްސަލަތައް ހުށަހެޅުމުން އޮންނަ އުސޫލަކީ ކައުންސިލުގެ ރައީސް ޝަކުވާ ހުށަހެޅި ފަރާތާއި އެކަން ރައްދުވާ ފަރާތާ ގުޅައިގެން، މަޝްވަރާގެ އުސޫލުން މައްސަލަ ހައްލުކުރާ ގޮތަށެވެ. އެގޮތަށް މައްސަލަ ހައްލު ނުކުރެވިއްޖެ ނަަމަ ޝަކުވާ ކޮމިޓީއަށް މައްސަލަ ފޮނުވަ އެވެ. ކޮމިޓީން މައްސަލަ ބަލާއިރު ދެ ފަރާތް ކޮމިޓީއަށް ހާޒިރުކޮށްގެން ދެ ފަރާތުގެ ވާހަކަތައް އަޑުއަހާނެ އެވެ. މައްސަލައިގައި ގޮތެއް ނިންމާނީ މީޑިއާތަކުގެ އަހުލާގީ މިންގަނޑަށް ބެލުމަށް ފަހުގަ އެވެ. އަދި އެގޮތަށް ނިންމާ ނިންމުމަކަށް މީޑިއާއިން އަމަލު ނުކުރާ ހާލަތެއްގައި ވެސް ދެން ކުރެވޭނެ ކަމެއް ނޯވޭ އެވެ.