Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

ބަންކަރިން ހިދުމަތް މި މަހު 22 ގައި ފަށާނަން: ސައީދު

ބަންކަރިން ހިދުމަތް މި މަހު 22 ގައި ފަށާނަން: ސައީދު
އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް މި މަހުގެ 22 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ސައީދު މިހެން ވިދާޅުވެފައި ވަނީ ޗައިނާ އާއި ރާއްޖެ އާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރަން މިއަދު ބޭއްވި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ބަންކަރިން ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތެވެ. ބޯޓް ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަހައްދުތަކުގައި އެފަދަ ޚިދުމަތެއް ފެށިއްޖެ ނަމަ ބޯޓް ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅާހަދައެވެ. މިގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ޚިދުމަތެކެވެ. ސައީދުގެ ވާހަކަފުޅުގައި ވިދާޅުވީ ކަނޑެއްގެ މެދުގައި ރާއްޖެ އޮންނައިރު، މެރިޓައިމް ސިނާއަތުގެ ފައިދާ ނެގުމުގެ އިތުރުން ރީ-އެކްސްޕޯޓް ފުޅާކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"އެގޮތަށް މަސައްކަތް ކުރަމުން މި ދަނީ. ބަންކަރިން ހިދުމަތް ވެސް މި މަހުގެ 22 ވަނަ ދުވަހު ފެށިގެން ދާނެ،" ސައީދު ވިދާޅުވި އެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓުގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމުގެ ގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިޓޯލް ގުރޫޕާ އެކު ޓާމް ޝީޓްގައި ސޮއިކޮށްފައި ވަނީ މިދިޔަ މާޗް މަހު އެވެ. އެފަހުން ވިޓޯލް ބަންކާސްގެ މެޕުގައި ރާއްޖެ ވަނީ ހިމަނާފަ އެވެ. ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދިނުމަށްޓަކައި ވިޓޯލް ބަންކާސްއާއެކު ޓާރމް ޝީޓުގައި އެސްޓީއޯއިން ވަނީ ސޮއިކޮށްފައެވެ. ވިޓޯލް ބަންކާސްއަކީ ދުނިޔޭގެ މަޤުބޫލު މުދާ އުފުލާ އަދި ޝިޕިންގެ މަސައްކަތްތައް ކުރިއަށްދާ އެކި ސަރަޙައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ފަރާތެކެވެ. ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ. ރާއްޖޭގައި އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފެށުމަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 އުޅަނދު ގެންނާނެކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އެސްޓީއޯއިން ހާމަކުރެއެވެ. އެޚިދުމަތް ފުރަތަމަ ފަށައިގަންނައިރު 2 ބޯޓު ބޭނުންކޮށްގެން އޮފްޝޯ ނުވަތަ ކަނޑުގައި އުޅަނދު ބާއްވައިގެން ޚިދުމަތް ދިނުމަށް ނިންމާފައިވާ އިރު އަމާޒަކީ ކައިރި މުސްތަޤުބަލެއްގައި ބިން ހިއްކައިގެން އެބިމުގައި ތާނގީ ޤާއިމްކޮށް އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް