ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ލޮޓަސް ފިހާރައިން ސެނެޓައިޒާ ފުޅި ދެނީ
ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ ލޮޓަސް ފިހާރައިން ރާއްޖޭގެ ހުރިހާ ކިޔަވާ ދަރިވަރުންނަށް ހޭންޑް ސެނިޓައިޒާ ފުޅި ދޭން ފަށައިފިއެވެ.
ލޮޓަސް ފިހާރައިގެ ޗެއަރމަން އަހްމަދު އާރިފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ދަރިވަރުންނަށް ހޭންޑް ސެނެޓައިޒާ ދިނުމަށް އެކުންފުނިން ނިންމާފައިވާ ކަަމަށެވެ.
އާރިފްގެ ޓްވީޓްގައި ވިދާޅުވެފައިވަނި އަތޮޅުތެރޭޭގެ އެކި ރަށްރަށަށް ސެނެޓައިޒާ ފޮނުވުމުގެ މަސައްކަތް މި ހަފްތާގައި ފަށާނެ ކަމަށެވެ. އަދި އަތޮޅުތެރޭގެ ސުކޫލުތަކަށް ސެނެޓައިޒާ ފޯރުކޮށްދިނުމަށްޓަކައި އަތޮޅުތެރޭގައި ހުންނަ އެ ކުންފުނީގެ ޓީމުތަކާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
މިކަމުގެ މައިގަނޑު މަގުސަދަކީ މިފަދަ ބަލިމަޑުކަމަކާއި ދުނިޔެ ކުރިމަތިލައިގެން އުޅޭ ދުވަސްވަރެއްގައި ސާފުތާހިރުކަމުގެ އާދަކާދަތަކާއި އަތް ސެނެޓައިޒް ކުރަންޖެހޭ ގޮތާއި ކުރަން ޖެހޭ ދަނޑިވަޅުތަކާ ގުޅޭގޮތުން ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމެވެ.
އަދި ހަމަ އެހެންމެ މިކަމަކީ އަބަދުވެސް މުޖުތަމައު ބާރުވެރިކުުރުމަށް ޓަކައި މަސައްކަތްކޮށް އިސްކަންދޭ ކުންފުންޏެއްގެ ހައިސިއްޔަތުން ކުޑަކުދިންގެ ރައްކާތެރިކަމަށް ޓަކައި ކުރެވޭނެ ބައިވަރު ކަންތައްތަކުގެ ތެރެއިން ކަމެއް ކަމަށް ލޮޓަސް އިން ފާހަގަ ކުރެއެވެ.