ޚަބަރު ސަރުކާރު

އެއާޕޯޓުތައް ގިނަވި ވަރަކަށް އެތެރޭގެ އުދުހުންތަކުގެ އަގު ވާނީ ބޮޑު: އަމީން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މިނިސްޓަރު އަމީން ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ހިނގަމުން އަންނަ ގޮތް ބައްލަވާ ލައްވަނީ / ފޮޓޯ:ޓްރާންސްޕޯޓް މިނިސްޓްރީ

އެއާޕޯޓުތަކުގެ އަދަދު އިތުރުވާ ވަރަކަށް، ކުރާ ދަތުރުތައް ގިނަވެ، އެތެރޭގެ އުދުހުންތަކުގެ އަގު އުފުލޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ވައިގެ ދަތުރުފަތުރުގެ ހިދުމަތް މިހާރު ދެމުން އަންނަ ގޮތާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި މިރޭ ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެއާޕޯޓުތައް އަޅައިގެން "ސަސްޓެއިން" ނުކުރެވޭނެ ކަމަށެވެ. އެއީ އެންމެ ރަނގަޅު މޮޑެލް ނޫން ކަމަށާއި އެހެން މޮޑެލްއަކަށް ބަދަލުވާން ޖެހޭ ކަމަށެވެ.

އެހެންނަމަވެސް ރައްޔިތުންގެ އުންމީދުތައް ހުރީ އެމަޖެންސީ ހާލަތްތަކުގަ އާއި އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމުގައި އަދި މުޅިން އެގޮތަށް ނޫން ކަމަށެވެ.

"ޖުމްލަ ގޮތެއްގައި އެއާޕޯޓު ގިނަވި ވަރަކަށް، ފްލައިޓް ގިނަވި ވަރަކަށް އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވާނެ. މިހެން ދެންނެވީމާ ބައެއް ބޭފުޅުން ހަމަ ވަރަށް ސިއްސައިގެން ދާނެ،" ކަމުގެ ހަގީގަތަކީ ތަފާތު އެއްޗެއްކަން ފާހަގަކުރައްވާ އަމީން ވިދާޅުވި އެވެ.

ތަފުސީލު ދެއްވަމުން ވިދާޅުވީ ކައިރިކައިރީގައި އެއާޕޯޓުތައް އަޅާ ވަރަކަށް އެތެރޭގެ އުދުހުމުގެ އަގު ބޮޑުވަމުންދާނެ ކަމަށެވެ. "މިހާ ގިނަ އެއާޕޯޓުތަކަކީ އެއްވެސް ސަރުކާރަކަށް ސަސްޓެއިން ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ. ފާހަގަކުރެއްވީ މުޅި އޭވިއޭޝަން ސެކްޓަ މުޅިން އެހެން ގޮތަކަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ހުރިހާ ދިމާލަކުން ވެސް ކުރިއެރުން ހޯދެން އޮތީ ފަތުރުވެރިކަން ފުޅާވެގެން ކަމަށް ވިދާޅުވި އެވެ. ރާއްޖޭގެ ފަތުުރުވެރިކަމުގެ ސިނާއަތާއި އެއް ދުވެއްޔެއްގައި ދަތުރުފަތުރުގެ ސިނާއަތް ކުރިއަރަން ޖެހޭ ކަމަށެވެ.

އިތުރަށް ވިދާޅުވި ގޮތުގައި އައިލެންޑް އޭވިއޭޝަނުން ބޭނުން ކުރަމުން އައި ޑޭޝް މަރުކާގެ ބޯޓުތައް ދޫކޮށްލައި އޭޓީއާރު ބޯޓުތަކަށް ފްލީޓް ބަދަލު ކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. ސީޕްލޭން އޮޕަރޭޝަންތައް ފުޅާވަމުން އަންނައިރު ހެލިކޮޮޕްޓަރުގެ ހިދުމަތާ އެކު އިތުރު ބަދަލުތައް އަންނާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!