ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ދައުލަތަށް ދައްކާ ފައިސާވެސް ޑޮލަރުން ދައްކަން ޖެހޭގޮތަށް ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެންނަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ޑޮލަރުން ފައިސާ ދޭކަމަށެވެ. އެހެންނަމަވެސް އެ ކުންފުނިތަކުން މުވައްޒަފުންގެ ޕެންޝަންގެ ގޮތުގައި ފައިސާ ޖަމާކުރަނީ ދިވެހި ރުފިޔާއިންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި އެފަދަ ބައެއް ކުންފުނިތަކުން މީރާއަށްވެސް ފައިސާ ދައްކަނީ ދިވެހި ރުފިޔާއިން ނެވެ.
"އެހެންނަމަވެސް ސަރުކާރުން ގާނޫނުތަކަށް ގަވައިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސްގެން [އެކަން] ބަދަލުކުރަން ކެބިނެޓުން މިއަދު ވަނީ ނިންމާފައި."
ބަންޑާރަނައިބު ވިދާޅުވީ ގާނޫނުތައް ބަދަލު ކުރަން އެމްއެމްއޭއާއި މީރާއާއިއެކުވެސް މަޝްވަރާތައް ކުރާނެ ކަމަށެވެ. ޓެކްސްގެ ގާނޫނުގެ އިތުރުން ޕެންޝަނާއި ގުޅުންހުރި ގާނޫނާއި ގަވާއިދުތަކަށްވެސް ވަރަށް އަވަހަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށް އުޝާމް ވަނީ ވިދާޅުވެފަ އެވެ.
ޓެކްސްއާއި ޕެންޝަންގެ އިތުރުން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖެއިން ބޭރުން ގެންނަ މުދަލަށް ދައްކާ ކަސްޓަމް ޑިއުޓީ ވެސް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ކެބިނެޓުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެގޮތުން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ހުށަހަޅާނެ އެވެ. އަދި ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ހުށަހަޅާނެ އެވެ.
ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އެ ޑޮލަރު ފައިސާއަށް މާރު ކުރަން ކަޅު ބާޒާރުގެ އެހީ ހޯދާކަމުގެ ވާހަކަ ދެކެވެ އެވެ. މިކަން ފާހަގަކުރައްވައި ބަންޑާރަނައިބު ވިދާޅުވީ އާ ގާނޫނުތައް ތަންފީޒު ކުރަން ފެށުމުން މިކަމަށް ނިމުން އަންނާނެ ކަމަށެވެ.
ޑޮލަރުގެ މައްސަލަ ހައްލު ކުރަން ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޑޮލަރުގެ ކަޅު ބާޒާރެވެ. އެގޮތުން ބޭންކިންގް ނިޒާމުގެ ތެރެއަށް ގިނަ އަދަދެއްގެ ޑޮލަރު ނުވަދެ ކަޅު ބާޒާރުގައި ދައުރުވަމުން ދާނަމަ ހޭދަކުރުމަށާއި ހިދުމަތްތައް ދިނުމަށް ބޭންކަށް ލިބޭ ފައިސާ ދަށަށް ދާކަން ބަންޑާރަ ނައިބު ފާހަގަކުރެއްވި އެވެ.
ކަޅު ބާޒާރު ނިމުމަކަށް ގެންނަން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ދާކަމަށް ވިދާޅުވި އެވެ.
ދުނިޔޭގެ ގިނަ ގައުމު ތަކުގައި އެ ގައުމުތަކަށްދާ މީހުން ބޭނުން ކުރަން ޖެހެނީ އެގައުމެއްގެ ފައިސާ. މިސާލަކަށް އިންޑިއާ އަށް ގޮސް ޑޮލަރުން އިންޑިއަން ރުޕީސް ގަންނަން ފުރަތަމަ ޖެހެނީ.