ޚަބަރު ސަރުކާރު

އިމާމުންނަށް ހާއްސަ އިންޝުއަރެންސް ސްކީމެއް ތައާރަފު ކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިމާމުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ޝަހީމް ވާހަކަ ދައްކަވަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިމާމުންގެ ތެރެއިން ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންޝުއަރެންސް ސްކީމެއް މި ހަފުތާގައި ތައާރަފު ކުރަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އިއްޔެ ބޭއްވި އިމާމުންގެ މަހާސިންތާ 2024 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އެ މަހާސިންތާއަކީ ވަރަށް ތާރީހީ މަހާސިންތާއެއް ކަމަށެވެ. އަދި އެޅިގެންދިޔަ ވަރަށް ވަރުގަދަ ބިންގަލެއް ކަމަށެވެ.

"މި ބިންގަލުގެ މަތީގައި ދެން ދުވަހަކު ވެސް ހުއްޓުމެއް ނެތި އިންޝާ ﷲ، މި މަހާސިންތާ ކޮންމެ އަހަރު ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެ އިރެއްގައި ތިއްބަވާނެ ވެރިން މި މަހާސިންތާ ކުރިއަށް ގެންދާނެ ކަމެއްގެ ގޮތުގައި މި ދިޔައީ ކަނޑައެޅިގެން،" ޝަހީމް ވިދާޅުވި އެވެ.

މަހާސިންތާގައި ގިނަ ހުށަހެޅުންތަކާއި މަޝްވަރާތައް ކުރެވުނުއިރު، އެ ކަންކަން ބަލައިގަނެ އަމަލު ކުރާނެ ކަމަށް ވިދާޅުވި އެެވެ

އެގޮތުން ރާއްޖޭން ބޭރުން އިމާމުން ތަމްރީނު ކުރުމުގެ މަޝްރޫއު ހުއްޓުމެއް ނެތި ކުރިއަށްދާނެކަން ފާހަގަކުރެއްވި އެވެ. ކޮންމެ އަހަރަކު މަދުވެގެން 100 އިމާމުން އެކިއެކި ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަ ކުރުމަށް ފޮނުވާނެ ކަމަށްް ޝަހީމް ވިދާޅުވި އެވެ.

"އިމާމުންނަށް ދިރިއުޅެވޭނެ ގޮތްތަކެއް ފަހިކުރުމުގައި ފަސޭހަ އިންތިޒާމުތަކެއް ގެނައުން. އެކަމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއަށް ވައްދަން ޖެހޭ ކަމަކަށް ވާތީވެ އިމާމުންގެ ހުށަހެޅުން، އިމާމުންނަށް ހައުސިން ސްކީމްގެ ތެރެއިން ހާއްސަ ކަމެއް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އާ ހަމައަށް އަޅުގަނޑުމެން ގެންދާނެ ވާހަކަ އިމާމުންގެ މައުލޫމާތަށް ޓަކައި ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.

އޭގެ ތެރޭގައި މާލެ ސަރަހައްދުގަ އާއި އަތޮޅުތެރޭގައި ކުރިއަށް ގެންދާ ހައުސިން ސްކީމްތައް ހިމެނޭނެ އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި އެކި ސަރަހައްދުތަކުގައި ހުރި އިސްލާމީ މަރުކަޒުތަކަށް ބަންގި ގޮވާނެ މީހަކާއި އިމާމަކާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމުގަ އެވެ. އެގޮތުން ހަމަޖައްސާ އިމާމަކީ މަތީ ޑިގްރީއެއް ހާސިލުކޮށްފައިވާ ބޭފުޅަކަށް ވާނެ ކަމުގަ އެވެ. އޭގެ އިތުރުން އެ ސަރަހައްދުތަކުގައި އިސްލާމިކް މިނިސްޓްރީގެ މަންދޫބަކު ހުރެގެން މުއާމަލާތު ކުރެވޭނެ ގޮތަށް އިންތިޒާމު ކުރާނެ ކަމުގަ އެވެ.

އޭގެ އިތުރުން ޝަހީމް ވިދާޅުވީ ކައުންސިލުތަކާއި އިމާމުންނާ މިހާރު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށްދިނުމަށް މި ހަފުތާގައި މިނިސްޓްރީން ކައުންސިލުތަކަށް އިރުޝާދުތަކެއް ފޮނުވާނެ ކަމަށެވެ.

ވިދާޅުވީ އިމާމުންގެ ތެރޭގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ވަރަށް ހިދުމަތްތެރި ބޭފުޅުން ކަމަށެވެ. ބައެއް އިމާމުންނަށް ތޮބީއީ ބަލިތައް ތަހައްމަލުކުރަން ޖެހިފައިވާ ކަމަށެވެ.

"މިނިސްޓްރީން ގަސްތުކުރަނީ އިމާމުންނަށް ޓަކައި ތައާރަފުކުރާ އިންޝުއަރެންސް ސްކީމް އެންމެ ފުރަތަމަ މި ބޭފުޅުންގެ ކިބައިން ފެށުން. އިރާދަކުރެއްވިއްޔާ މިކަމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅު މި ފެށޭ ހަފުތާގައި އަޅުގަނޑުމެން އަޅައިދޭނަން،" ޝަހީމް ވިދާޅުވި އެވެ.

ކަމާ ގުޅިގެން އިންޝުއަރެންސްގެ ހިދުމަތްދޭ ކުންފުނިތަކާ ބައްދަލުކުރެވި މަޝްވަރާތައް ކުރެވިފައިވާ ކަމަށާްި އެގޮތުން އާސަންދަ ނިޒާމުގެ އިތުރަށް ކުރަން ޖެހޭ ކުރަން ޖެހޭ ކަންކަން ކުރެވޭނެ ގޮތް ފަހިކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް އިތުރަށް ވިދާޅުވި ގޮތުގައި އިމާމުންގެ ޖަމިއްޔާއެއް ވުޖޫދުކުރަން ޖެހޭ ކަމުގަ އެވެ. އެކަމަކު އެ ޖަމިއްޔާއަކީ ސިޔާސީ މަސައްކަތް ކުރާ ބަޔަކަށް ވެގެން ނުވާނެ ކަމުގަ އެވެ. ދީނީ ދައުވަތާއި މަންހަޖު ދެމެހެއްޓުމަށް އެކަމަކީ މުހިންމު ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

މަހާސިންތާގައި އިމާމުންގެ މަޖިލިހެއް އެކުލަވާލަން ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އެ މަޖިލިހުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން އިމާމެއް ހުންނަން ޖެހޭ ކަމަށެވެ. އިމާމު ކަނޑައަޅަން ޖެހޭނީ އެ އަތޮޅެއްގެ އިމާމުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

އެ މަޖިލިހާ މިނިސްޓްރީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިދާނެ ކަމަށެވެ. އެގޮތުން ފާހަގަކުރެއްވީ އަންނަ އަހަރު އެކުލަވާލާ މިނިސްޓްރީގެ އެކްޝަން ޕްލޭނުގައި އިމާމުންނަށް ގުޅުންހުރި ކަންކަން ކަނޑައެޅުމަށް ލަފާދެވޭނެ ކަމަށެވެ.

ކުރިއަށް މި އޮތް 14 ދުވަހުގެ މުއްދަތުގެ ތެރޭގައި މި މަންދޫބުން ހޮވައި، މިނިސްޓްރީއަށް ގެންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. މި ކަން ކުރާނީ ކައުންސިލުތަކަށް ސިޓީ ފޮނުވައިގެން ރަސްމީކޮށް ކަމަށެވެ.

މަޖިލިހުގެ ބައްދަލުވުންތައް ގަވާއިދުން ބޭއްވި ހުށަހެޅޭ ހުށަހެޅުންތަކާއި ހިޔާލުތަކަށް މަޝްވަރާކުރެވި، ކަމާ ބެހޭ މުއައްސަސާތަކާ މުއާމަލާތު ކުރެވިގެން ކުރިއަށް ގެންދާނެކަން ވެސް ޝަހީމް ފާހަގަކުރެއްވި އެވެ.

މަހާސިންތާގައި 500 އަށް ވުރެ ގިނަ އިމާމުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ހާޒިރުވެގެން ބައިވެރިވި 208 އިމާމުންނާއި އޮންލައިންކޮށް ބައިވެރިވި 300 އިމާމުން ހިމެނެ އެވެ.

Ads by HDC