ޚަބަރު ސިޔާސީ

ކޮންގްރެސް ޕާޓީއަށް 60،000 މެމްބަރުން ހަމަވެއްޖެ، ރައީސްގެ އަމާޒަށް ވާސިލުވެވޭނެ :އަބްދުއްރަހީމް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް އަދި އަބްދުއްރަހީމް: ރައީސް ކަނޑައެޅުއްވި މުއްދަތުގެ ތެރޭގައި 75،000 މެމްބަރުންގެ އަމާޒަށް ވާސިލުވެވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި /ފޮޓޯ:ދެން އިމޭޖްސް

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ މެމްބަޝިޕް އިތުރު ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން 60،000 މެމްބަރުން ހަމަކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ކޮންގްރެސް ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް އެ ޕާޓީން ދަނީ ކުރަމުންނެވެ. މެމްބަރުން އިތުރު ކުރުމަށް ހާއްސަ ހަރަކާތެއް އެ ޕާޓީން ފަށާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅުގަ އެވެ. އެ ހަރަކާތާ ގުޅޭގޮތުން މެމްބަޝިޕް އިތުރު ކުރުމުގެ މަސައްކަތްތަކާ ހަވާލުވެވަޑައިގެން ހުންނެވި ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މީގެކުރިން ވިދާޅުވެފައި ވަނީ އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 70،000 މެމްބަރުން ހަމަކުރުން ކަމަށެވެ.

އަސްލު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތަކީ ރައީސް އަދި ކޮންގްރެސް ޕާޓީގެ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާ އެކު އެމަނިކުފާނުގެ ލަފަޔާއި އިރުޝާދާ އެކު ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. މަސައްކަތުގައި މައިގަނޑު ގޮތެއްގައި އިސްވެ ހަރަކާތްތެރިވަމުން ދަނީ ރައްޔިތުންގެ މަޖިލިހުގެ އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ކަމަށެވެ.

ޕާލިމެންޓްރީ ގްރޫޕުުގައި 75 މެމްބަރުން ހިމެނޭއިރު ޕާޓީ ވަރުގަދަ ކުރުމުގައި މަސައްކަތުގައި ވަރަށް ހާއްސަ ސަމާލު ކަމެއް ދީގެން ހުރިހާ މެމްބަރުން ވެސް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. މެމްބަރުންނާ އެކު ކެބިނެޓްގައި ތިއްބަވާ ޕާޓީގެ މިނިސްޓަރުންނާއި އެހެން އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

"މިހާތަނަށް އައިއިރު އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ރައީސްގެ އަމާޒަށް އެމަނިކުފާނު ކަނޑައެޅުއްވި މުއްދަތަށް ވާސިލުވެވޭނެކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް. މިއަދާ ހަމައަށް އަޅުގަނޑުމެން ހިސާބު ބަލާލާއިރު، ގާތްގަނޑަކަށް 60،000 އަށް ވުރެ މައްޗަށް ހިނގައްޖެ އަޅުގަނޑުމެންގެ އަދަދުތައް މިހާރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ވިދާޅުވި ގޮތުގައި ރައީސް ބޭނުންފުޅު ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ކޮންގްރެސް ޕާޓީއަކީ އެންމެ މެމްބަރުންގެ ގިނަ ޕާޓީއަށް ހެއްދެވުމަށް ކަމަށެވެ. އެގޮތުން 75،000 މެމްބަރުން ހަމަކުރުމުގެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގަ އެވެ.

"ޔަގީންކަމާ އެކު އަޅުގަނޑުމެންނަށް ދަންނަވަން ކެރޭ އިރާދަކުރެއްވިއްޔާ މި އަހަރުގެ ނޮވެމްބަރު މަހުގެ މެދަކާ ހަމައަށްދާއިރު އަޅުގަނޑުމެންގެ ޕާޓީ، ޕީއެންސީ ވެގެން ދާނީ 75،000 މެމްބަރުން ތިބި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައިވާ ގޮތުން ނަމަ ކޮންގްރެސް ޕާޓީގައި ތިބި މެމްބަރުންގެ އަދަދަކީ 28,983 އެވެ. ޕީޕީއެމްގައި ދަފްތަރު ކުރެވިފައި ތިބީ 34،698 މެމްބަރުންނެވެ.

50,851 މެންބަރުންނާ އެކު އެންމެ ގިނަ ބަޔަކު ރަޖިސްޓްރީވެފައި ތިބީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގަ އެވެ.

Ads by Ooredoo