Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ދިނީ ހޭލުންތެރިކަން އިތުރު ކުރުމުގެ އިލްމީ މަސައްކަތްތައް ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިނީ ހޭލުންތެރިކަން އިތުރު ކުރުމުގެ އިލްމީ މަސައްކަތްތައް ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
ދީނީ ހޭލުންތެރިކަން އިތުރުކުރަން އިލްމީ ދިރާސާތަކާއި މަސައްކަތްތައް ކުރުމުގެ ފަހުމުނާމާއެއްގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމްއިން) އިން ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ. މި ފަހުމުނާމާއަކީ ދިވެހި މުޖުތަމައަށް ދީނީ ގޮތުން އެނގުން އެންމެ މުހިންމު ކަމަށް ފެންނަ ނުވަތަ އެންމެ ބޮޑަށް މުޖުތަމައުގައި އޮޅުންއަރާ ކަމަށް ފެންނަ ކަންކަމާއި ދާއިރާތަކަކީ ކޮބައިކަން ދެނެގަތުމުގެ ބޭނުމުގައި އިލްމީ ދިރާސާ ކުރުމަށް އެކުލަވާލި ފަހުމުނާމާއެކެވެ. އަދި އިދާރާތައް ގުޅިގެން ދީނީ އެކިއެކި ދާއިރާތަކުން ދީނީ، ޒަމާނީ އަދި އިލްމީ މަސައްކަތްތައް ކުރުން ހިމެނެ އެވެ. ފަހުމުނާމާގައި ފަތުވާދޭ އެންމެ މަތީ މަޖިލިހުގެ ފަރާތުން ސޮއިކުރެއްވީ އެ މަޖިލިހުގެ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމެވެ. އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ވައިސް ޗާންސެލަރު ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ. މި ފަހުމުނާމާގެ މަގުސަދަކީ ދެ އިދާރާ ގުޅިގެން ދިވެހި މުޖުތަމައަށް ބޭނުންވާ އެކިއެކި ދީނީ، އިލްމީ ދިރާސާތައް ކުރުމާއި ގުޅުންހުރި ދާއިރާތަކުން އެއްބާރުލުން ދިނުމާއި ދީނީ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ބޭނުންވާ ދިރާސާތަކުގެ އިތުރުން އިލްމީ މަސައްކަތްތައް ކުރުމެވެ.

އެހީތެރިކަމާއި އެއްބާރުލުން ދެވޭނެ އާންމު ދާއިރާތައް:

  • ކަނޑައެޅޭ ދާއިރާތަކަކުން އިލްމީ ދިރާސާތައް ކުރުމާ އެކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުން
  • ދިރާސާތައް ކުރުމުގެ ބޭނުމަށް އިލްމުވެރިންގެ އެހީތެރިކަން ފޯރުކޮށްދިނުން
  • ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދީނީ ވަހުދަތު ހިމާޔަތް ކުރުމަށާއި ދީނުގެ މެދުމިންވުމުގެ ސިޔާސަތު ދެމެހެއްޓުމުގައި އެއްބާރުލުން ދިނުން
  • ރާއްޖޭގެ މުޖުތަމައުގައި ދިނީ ހޭލުންތެރިކަން އުފެއްދުމަށް އިލްމީ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން
  • އިލްމީ ފޮތްތައް އެކުލަވައިލުމާއި ތަރުޖަމާ ކުރުމުގައި އެހީތެރިވުން
  • ރާއްޖޭގެ ދީނީ އިލްމުވެރިންގެ މެދުގައި ދެނެގަތުމާއި ގާތްވުން ދެމެހެއްޓުމުގެ ބޭނުމުގައި ސެމިނާތައް އިންތިޒާމު ކުރުމުގައި އެހީތެރިވުން
  • މުޖުތަމައުގައި ދީނީ އަދި ގައުމީ ލޯބި އުފެއްދުމުގެ މަގުސަދު ހާސިލު ކުރުމުގައި އެއްބާރުލުން ދިނުން

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް