ޚަބަރު ސަރުކާރު

ޑްރަގް ފަރުވާއަށް ހުކުމްކޮށް، ފަރުވާ ފަށައި އެއްބާރުލުން ނުދޭ މީހުންނަށް ފިޔަވަޅުއަޅަން މަޝްވަރާކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެންޑީއޭގެ ބޯޑުން ޑްރަގް ކޯޓުގެ ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:ހޯމްލޭންޑް މިނިސްޓްރީ

ޑްރަގް ފަރުވާއަށް ހުކުމްކޮށް ފަރުވާ ފެށުމަށް ފަހު އެއްބާރުލުން ނުދޭ މީހުންނަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ޑްރަގް ކޯޓާ ދެެމެދު މަޝްވަރާކޮށްފި އެވެ.

Ads by Sosun Fihaara

އެންޑީއޭގެ ބޯޑާއި ޑްރަގް ކޯޓުގެ ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އިއްޔެ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ޑްރަގް ކޯޓުގެ ދަށުން ފަރުވާއަށް ހުކުމް ކުރެވި، ފަރުވާ ތަންފީޒުކުރަން ފެށުމަށް ފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވާހަކަ ދެކެވުނެވެ.

އޭގެ އިތުރުން އެންޑީއޭގެ ޓެކްނިކަލް ކޮމިޓީ އާއި ޑްރަގް ކޯޓާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި އެދެވޭ ނަތީޖާ ނެރުމަށް ދެ ފަރާތުން ކުރަން ޖެހޭ ކަންތައްތަކާ މެދު މަޝްވަރާ ކުރުމަށް ވެސް ނިންމި އެވެ.

އެހެންނަމަވެސް ކަމާ ގުޅުންހުރި އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ފަރުވާގެ ނިޒާމް ހަރުދަނާ ކުރުމަށް މި ސަރުކާރުން ކުރާ ހޭދަ އިތުރުކޮށްފައިވާއިރު، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އެކަމަށް އިތުރު 30 މިލިއަން ރުފިޔާ ހިމަނަން ވަނީ ނިންމާފަ އެވެ.

މިދިޔަ އަހަރު ޑްރަގް ކޯޓުން 586 މީހެއްގެ މައްޗަށް ފަރުވާއަށް އަމުރުކޮށްފައިވެ އެވެ. އޭގެ ތެރެއިން 419 ފަރާތެއް އެ އަހަރުގެ ތެރޭގައި ފަރުވާ ފުރިހަމަކޮށްފައިވެ އެވެ.

ފަރުވާގެ އަމުރާ ހިލާފުވެގެން މިދިޔަ އަހަރު 173 ފަރާތެއް ފަރުވާއިން ވަކިކޮށް، ފުރަތަމަ ހުކުމް ތަންފީޒު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

Ads by HDC