ރައީސްގެ ޔަގީންކަން; އަންނަ އަހަރުގެ "ބޯހިޔާވެހި" ބަޖެޓާ އެކު އިޖުތިމާއީ ބޮޑު މައްސަލައަކަށް ހައްލެއް ލިބޭނެ
އަންނަ އަހަރުގެ ބަޖެޓުން ޖުމްލަ 2.5 ބިލިއަން ރުފިޔާ ގެދޮރުވެރި ކަމުގެ ކަންކަމަށް ހާއްސަ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް އެކި ކަންކަން މަގުފަހިކޮށްދިނުމަށް ކަމަށެވެ. އެގޮތުން މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅޭ ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި އެންމެ ފުޅާ މިނުގައި ގެދޮރުވެރި ކަމަށް މަގުފަހިކޮށްދޭނެ ބަޖެޓެއް ކަމަށެވެ.
އެ ބަޖެޓު ތަންފީޒުވެގެން ދާނީ ބޯހިޔާވަހިކަމުގެ ބަޖެޓެއްގެ ގޮތުގައި ކަން ފާހަގަކުރެއްވި އެވެ. ރައްޔިތުންނަށް އެންމެ މުހިންމު ކަމަށް ވެފައި ވަނީ ގެދޮރުވެރިކަން ކަމަށެވެ. އެގޮތުން ކިޔަވައިގެން ނުކުންނަނީ ވަޒީފާއެއް އަދާކުރަން ނަމަވެސް ގިނަ ފަރާތްތަކުން ދިރިއުޅެން ޖެހެނީ، އުޅޭނެ ތަނެއް ނެތުމުން އާއިލާ މީހުން އެއްވެގެން ތަނެއް ކުއްޔަށް ހިފައިގެން ކަމަށެވެ.
މިއަދު ހުށަހަޅާ އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި ގެދޮރުވެރި ކަމަށް ބަޖެޓު ހާއްސަވާނެ ކަމުގަ އެވެ. އެގޮތުން މައިގަނޑު ދެ ކަމަކަށް އިސްކަންދީފައިވާނެ ކަމުގަ އެވެ.
"އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި ފިޒިކަލް ކޮންސްޓްރަކްޝަން ހައުސިން ޕްރޮޖެކްޓްސްތައް 1.5 ބިލިއަން ރުފިޔާގެ މަސައްކަތް މި އަންނަ އަހަރު ހިނގާނެ. ގެދޮރުވެރިކަމުގެ، އަމަލީ ގެދޮރުވެރިކަން ބިނާކުރުމުގައި،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ފެށޭ މަހުގެ ކުރީކޮޅުގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ހައުސިން ސްކީމް ލޯނު ދޫކުރަން ފަށާނެ ކަމުގަ އެވެ. އެއީ ފަސް އިންސައްތައަށް ވުރެ ބޮޑު ނުވާ ގޮތަށް ދޫކުރުމަށް ހަމަޖެހިފައިވާ ލޯނެކެވެ. ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ތިން ކަމަކަށެވެ. އެއީ އަމިއްލަ ގޯތި އޮތް މީހާގެ ގޯތީގައި ގެ އެޅުމަށާއި ހަދަން ފަށާ ނުނިމިފައި ހުރި ގެ ހެދުމަށާ އަދި ނިންމާފައި ހުރި ގެ މަރާމާތު ކުރުމަށެވެ.
"އެ ލޯނު ސްކީމަށް ބޭނުންވާ އެއް ބިލިއަން ރުފިޔާ ވެސް މި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ. އެހެންވީމާ 2.5 ބިލިއަން ރުފިޔާ ގެދޮރުވެރި ކަމަށް،" ރައީސް ވިދާޅުވި އެވެ.
ދަސްވެނިވި ފަރާތްތަކުން ހިތްވަރާ އެކު ގައުމަށް ކަމެއް ކޮށްދެވޭތޯ މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާ އެ ފަރާތްތަކަށާއި ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.