ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ދެއްވައިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޮޑްކާސްޓިން ކޮމިޝަން އުވާލައި، "މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި އާ ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލިހަށް ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ބަންޑާރަ ނައިބު ދެއްވާފައި ވަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ބައްދަލުކުރައްވާ، މަޖިލީހަށް ހުށަހެޅިފައިވާ މީޑިއާ ބިލާ ގުޅިގެން ނޫސްވެރިންގެ ޝަކުވާތައް އަޑުއެއްސެވުމަށް ފަހު އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، މި ބައްދަލުވުމުގައި އުޝާމުގެ އިތުރުން ޔޫތް އެމްޕަވާމެންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދާއި ސްޓްރެޓެޖީ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މި ބައްދަލުވުމާ ގުޅިގެން އެމްޖޭއޭއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ބިލަށް އެޓާނީ ޖެެނެރަލާއި އިންފޮމޭޝަން މިނިސްޓަރާއި ސަރުކާރުން ތާއީދު ނުކުރާކަމުގެ ޔަގީންކަން ދެއްވުމަކީ ލިބުނު ހިތްވަރެއް ކަމަށެވެ. އަދި އެ ޖަމުއިއްޔާއިން އިންތިޒާރު ކުރަމުންދަނީ ރަސްމީ ސިފައެއްގައި ސަރުކާރުން އެ ބިލު ބާތިލު ކުރާނެ ވަގުތަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.
އެމްޖޭއޭއިން ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ޖަމިއްޔާއިން ދެކޭ ގޮތުގައި ބިލުގެ ސަބަބުން ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ގޮސް ނޫސްވެރިންގެ މަސައްކަތަށް ބޮޑަށް ހުރަސްތައް އެޅޭނެ ކަމަށެވެ.
ބިލާ އެކު މީޑިއާތަކަށް އެ މީހުން އަމިއްލައަށް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް ބާރު ގެއްލި، ސަރުކާރުގެ ނުފޫޒާއި ބާރު މީޑިއާ ތެރެއަށް ވަދެ، ރާއްޖޭގެ މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަަތަށް ސޮއްސާލައިގެންދާނެ ކަމަށް ވެސް އެމްޖޭއޭއިން ބުނެފައިވެ އެވެ.
އެމްޖޭއޭއިން އަންނަނީ އެ ބިލާ ދެކޮޅަށް އަޑު އުފުލައި، ޕެޓިޝަނެއް އެކުލަވާލަމުންނެވެ.
އެ ބިލާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އިސްލާމްދީނާއި ގާނޫނު އަސާސީ އާ ހިލާފުނުވާހާ ހިނދަކު، ކޮންމެ ދިވެއްސަކަށް ވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާ އެކު އެމީހަކު ބޭނުން ކަމެއްކޮށް އުޅުމުގެ ހައްގު އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.