ޑޮލަރު މާރުކުރަން ފެށީމާ އަންދާޒާކުރި ވަރަށް ވުރެ ޑޮލަރު އިތުރުވެ، ތިޔާގި ވާނެ: ރައީސް
ޑޮލަރު މާރުކުރަން ފެށުމުން އަންދާޒާކުރި ވަރަށް ވުރެ ޑޮލަރު އިތުރުވެ، ތިޔާގި ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި ރޭޓެއްގެ ދަށުން ޑޮލަރު މާާރުކުރަން މަޖުބޫރުވާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި ގަވާއިދުގައިވާ ބައެއް ކަންކަން ބަދަލުކޮށް "ބޭރު ފައިސާއާ ބެހޭ" ބިލެއް ޑްރާފްޓްކޮށް އާންމުންގެ ހިޔާލަށް ވަނީ ހުޅުވާލާފަ އެވެ.
ޑްރާފްޓުގައި ޓޫރިޒަމް ފެސިލިޓީތައް ދެ ކެޓަގަރީއަށް ބަހާލާފައިވާއިރު ލުއިތައް ގެނައީ ކެޓަގަރީތަކަށް ގެނައި ބަދަލުންނެވެ. އަދި ބޭރު ފައިސާ މާރުކުރުމުން އިސްތިސްނާވާ ފަރާތްތަކެއް ވެސް ކަނޑައަޅާފައިވެ އެވެ.
މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ 500 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް ބޭރު ފައިސާ އާ ބެހޭ ބިލުގައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެކަމަށް ޓަކައި އެމްއެމްއޭއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ވިދާޅުވި ގޮތަށް ގަވާއިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށް އެމްއެމްއޭއިން އިސްނަގައިގެން ބޭރު ފައިސާ އާ ބެހޭ ގާނޫނެއް ހެދިގެން ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ. މި ގާނޫނުގެ ސަބަބުން ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރެވޭނެ ކަމަށެވެ.
"އަދި މީގެ އިތުރުން ޓޫރިޒަމް ނޫން ދާއިރާތަކުން ވެސް ވަކި ވަރަކަށް ވުރެ ގިނައިން ޑޮލަރު އާމްދަނީ ލިބޭ ނަމަ، ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ހިމަނާފައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށް ވުރެ އިތުރުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަކުރެއްވީ މި ބަދަލުތަކުގެ ނަތީޖާއަކަށް ވާނީ އާންމު ރައްޔިތުންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބެގެން ދާނެ ކަމަށެވެ. އެގޮތުން،
- ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރުން (2025 ޖުލައި މަހުން ފެށިގެން)
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެ ގުނަކޮށް، އެ އަދަދު 1،000 ޑޮލަރަށް ހެދުން (2026 ގެ ފުރަތަމަ ކުއާޓަރު)
- ކްރެޑިޓް ކާޑު ލިމިޓުތައް ބޮޑުކޮށްދިނުން (2026 ގެ ފުރަތަމަ ކުއާޓަރު)
- ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުން (2025 ޖުލައި މަހުން ފެށިގެން)
ރައީސް ވަނީ ރައްޔިތުންނަށް ފައިދާހުރި މިފަދަ ކޮންމެ ކަމެއް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އާންމުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވާފަ އެވެ.