ސީރިއާގައި ވެރިކަން ކުރާ އެޗްޓީއެސްއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ރާއްޖޭން ދަމަހައްޓައިފި
ސީރިއާގައި މިހާރު ވެރިކަން ކުރަމުން އަންނަ ހަޔާތު ތަހްރީރް އަލް-ޝާމް (އެޗްޓީއެސް) އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ރާއްޖޭން ކަނޑައަޅާފައި އޮންނަ އޮތުން ރާއްޖޭން ދަމަހައްޓައިފި އެވެ.
ސީރިއާގައި ވެރިކަން ކުރަމުން ދިޔަ ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަވެރި ޖަމާއަތްތަކުން ކުރަމުން އައި ހަނގުރާމައިގައި ކާމިޔާބުލިބިފައިވާ ކަން ހަނގުރާމަވެރިންގެ ކޯލިޝަނުން ހާމަކޮށްފައި ވަނީ މި މަހުގެ ކުރީކޮޅުގަ އެވެ. ހަނގުރާމަވެރިން ވެރިރަށް، ދިމިޝްގަށް ވަނުމާ އެކު، ބައްޝާރު ވަނީ ވެރިކަން ދޫކޮށްލައްވައި ގައުމުން ބޭރަށް ވަޑައިގެންފަ އެވެ. އެ އާއެކު ގައުމުގެ ވެރިކަމާ ވަގުތީ ގޮތުން ހަވާލުވީ އެޗްޓީއެސްއިންނެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އެޗްޓީއެސްއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ރާއްޖެއިން ފުރަތަމަ ކަނޑައެޅީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެވެ. އެފަހުން ކޮންމެ އަހަރަކު ވެސް އެ ޖަމާއަތުގެ ނަން ލިސްޓުގައި އޮވެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ހަނގުރާމަވެރި ސަރަހައްދުތައް ކޮންމެ އަހަރަކު އެއްފަހަރު ކަނޑައަޅަން ޖެހެ އެވެ. އެގޮތުގެ މަތިން ރައީސް އޮފީހުން މިއަދު އާންމުކުރި ލިސްޓުގައި ކުރިން އެކުލަވާލި ލިސްޓަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
އެޗްޓީއެސް އާއެކު 20 ޖަމާއަތެއް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. އަދި ސީރިއާގެ ހުރިހާ ސަރަހައްދުތަކަކީ ވެސް ހަނގުރާމަވެރި ސަރަހައްދުތަކެއް ކަމުގައި ކަނޑައަޅާފައި އޮތްއޮތުން ދަމަހައްޓައި ދިވެހިން އެ ގައުމަށް ދަތުރުކުރުން މަނާ ކަމެއް ކަމުގައި ވަނީ ނިންމާފަ އެވެ. އެގޮތަށް އެންމެ ފުރަތަމަ ނިންމާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެވެ.
އެޗްޓީއެސްއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އދ. ސަލާމަތީ މަޖިލީހުން ލިސްޓުކުރީ 2014 ވަނަ އަހަރު އެވެ. އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ދެކެ އެވެ.
އެ ގާނޫނުގެ ދަށުން ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތައް ކަނޑައަޅުއްވާނީ ރައީސެވެ. ލިސްޓަށް ބަދަލު ގެނައުމުގެ ބާރު ރައީސަށް ވަނީ ލިބިދީފަ އެވެ.