ދެވަނަ ފަހަރަށް ހައްޖަށް ދާން، 5 އަހަރު ފަހުން ނޫނީ ފުރުސަތު ނުދޭ ގޮތަށް އުސޫލު ހަދައިފި
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ދެއްކުމަށްފަހު، ހައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ފަރާތްތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލަށް ބަދަލު ގެނައުމަށް ކެބިނެޓުގެ ލަފަޔާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް އެގޮތަށް ނިންމެވުން ނިންމެވީ އިސްލާމިކް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް ކެބިނެޓުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.
ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެނައި ކަންކަމުގެ ތެރޭގައި ހިމެނެނީ:
- އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން.
- ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ހާއްސަކުރުން.
- ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން ފެށިގެން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ގެންދަން ޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން. ނަމަވެސް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، (ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާގެ މީހަކު ހިމެނޭ ނަމަ އެމީހެއް) ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނެތް ފަރާތެއް ކަމަށާ އަދި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތެއް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތެއް އޭނާއަށް ލިބެން ނެތް ހާލަތުގައި ކަމަށް ކަނޑައެޅުން. (ސިއްހީ ހާލަތު ކަށަވަރުކުރާނީ، ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ކަނޑައަޅާ ޑޮކްޓަރުން މެދުވެރިކޮށް)
- ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީގޮތުން 5 އަހަރު ވުމުން ކަމަށް ކަނޑައެޅުން.
- ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ހައްޖުގެ ހިދުމަތްތެރީންގެ ގޮތުގައި ގެންދާ ފަރާތްތައް (ހ)، (ނ) އަދި (ރ) އިން އިސްތިސްނާކުރުން.
ރައީސް އޮފީހުން ބުނީ ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައިގެން ހައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރު ވިނަމަވެސް ހައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ އިތުރު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ޝުކުރިއްޔާ ރައީސް ތ