ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމާ ބެހޭ އުސޫލާ އެއްގޮތަށް ބައެއް އެހެން ކުންފުނިތަކުން ވެސް އަމަލުކޮށްފައިނުވާކަން ފާހަގަކުރެވިފައިވާތީ ކަމުގެ ކުޑަބޮޑުމިނަށް ބަލައި އުސޫލާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާސް ޕްރައިވެޓް ލިމިޓެޑުގެ ހަވާލުގައި ޑިސެމްބަރު މަހު އުމުރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ރާާއްޖެ ނާދެވި ސައުދީ އަރަބިއްޔާގައި 23 މީހަކު ތާށިވި މައްސަލަ މިފަހުން ވަނީ ފެންމަތިވެފަ އެވެ.
އެ މީހުން އުމްރާއަށް ފުރުމުގައި ވެސް މައްސަލަތަކެއް ދިމާވި އެވެ. އޭރު ދިމާވީ ޓިކެޓާއި ވިސާގެ މައްސަލަ އެވެ. އުމްރާވެރިން ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނި ނަމަވެސް އެކަމުގައި ގްރޫޕަށް ކުރިއެރުމެއް ހޯދިފައެއް ނުވެ އެވެ.
އެކަމާ ގުޅިގެން އިއްޔެ އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހިޖްރަ ގްރޫޕުން މިދިޔަ ޑިސެމްބަރު އުމްރާ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ އުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައިވާ ކަމަށެވެ.
ނަމަވެސް އެ ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސައި، އެ ފައިސާ ކުންފުނީގެ އެހެން ކަންކަަމަށް ބޭނުންކޮށްފައިވާ ކަމަށް އެ ކުންފުނިން އިއުތިރާފުވެފައިވާ ކަމަށެވެ. މައްކާއިން ރާއްޖެ އައުމަށް ޓިކެޓު ނަގާފައި ނެތުމުގެ ސަބަބުން ރާއްޖެ ނާދެވިގެން އެ އުމްރާވެރިން މިނިސްޓްރީގެ އެހީތެރި ކަމަށް އެދިފައިވުމުން ހާލުގައި ޖެހިފައި ތިބި އުމްރާވެރިން އިއްޔެ އެ މިނިސްޓްރީގެ އިރުޝާދުގެ ދަށުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުގެ އުމްރާވެރިން ތިބި ހޮޓަލަށް އެ މީހުން ބަދަލުކޮށްފައިވާއިރު، މާދަމާ ހެނދުނު 8:10 ގައި ގަތަރު އެއާވޭސްއިން އެ ފަރާތްތައް ރާއްޖެ ގެނެވޭނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.
އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ ހިލާފުވެފައިވާތީ އެ އުސޫލުގެ ދަށުން ހިޖްރަ ގްރޫޕަށް އަޅަން ނިންމި ފިޔަވަޅުތައް ހާމަކޮށް، މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޝަހީމް ވިދާޅުވީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމާ ބެހޭގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު އުސޫލެއް ގެޒެޓްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ އުސޫލާ އެއްގޮތަށް އެހެން ބައެއް ކުންފުނިތަކުން ވެސް އަމަލުކޮށްފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
".. އުސޫލާ އެއްގޮތަށް އަމަލުކޮށްފައިނުވާ ބައެއް އެހެން ކުންފުނިތައް ވެސް ފާހަގަކުރެވިފައިވާތީވެ، އަމަލުނުކޮށް ދޫކޮށްލި ކަމުގެ ކުޑަބޮޑު މިނަށް ބަލައި އަންނަ ހަފުތާގައި އުސޫލުގައި ބުނާ ގޮތުގެ މަތިން ފިޔަވަޅު އަޅާނަން،" ޝަހީމް ވިދާޅުވި އެވެ.
ފިޔަވަޅުތައް އެޅުމުގައި އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ފަސްޖެހުމެއް ނެތި ކުރާނެ ކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ދީފަ އެވެ.
ހައްޖާއި އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށް ދިން ހުއްދަ ބާތިލު ކުރުމުން، ޓްރެވެލް އެޖެންސީއަކަށް ނަން ބަދަލުކޮށްގެން ހުސްވި އަހަރުގެ ރޯދަ މަހު އުމްރާއަށް މީހުން ގެންދިޔަ މަޝްއަރު ޓުއާސްއިން، ޓްރެވެލް އެޖެންޓަށް ފައިސާ ދައްކަން ދިން ޗެކުތަކެއް ބައުންސްވި މައްސަލައިގައި އެ ކުންފުންޏަށް ދައުވާ ކުރަން ފުލުހުން ވަނީ ފޮނުވާފަ އެވެ.
އެ ގްރޫޕަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ހުސްވި ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު އެވެ. ޕީޖީ އޮފީހުން "ދެން" އަށް ބުނީ އެ މައްސަލަ އޮތީ ޑިއުޓީ ޕްރޮސެކިއުޓާ މަރުހަލާގައި ކަމަށެވެ.
އެ އެޖެންސީން އުމްރާއަށް މީހުން ފޮނުވަން ޗާޓަރުކުރި ފްލައިޓްތަކަށް ފައިސާ ދައްކަން ފައިސާ ދައްކަންދިން 4 ޗެކުވެސް ވަނީ ބައުންސްވެފަ އެވެ.
އެ ކުންފުންޏާއި ކުންފުނީގެ ވެރިޔާ އަލީ ފާރިޝްއަށް އެއްވެސް ފައިސާއެއް ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީން މީގެކުރިން ވަނީ އެދިފަ އެވެ.