ޚަބަރު

އަލީގެ ރައްދު އީސައަށް: ކުއްޔަށް އުޅޭ އެންމެންނަކީ ރަށުގައި ހޮލިޑޭ ހޯމް ހަދާފައި އައިސް އުޅޭބައެއް ނޫން!

ދެން އެމްވީ ، ދެން އޮންލައިން

މާލޭގައި ކުއްޔަށް އުޅޭ އެންމެންނަކީ އަމިއްލަ ރަށުގައި ހޮލިޑޭ ހޯމް ހަދާފައި އައިސް އުޅޭ ބައެއް ނޫން ކަމަށް ބުނެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައަށް ރައްދު ދެއްވައިފިއެވެ.

Ads by MWSC

އަލީ ހުސައިން މިހެން ވިދާޅުވެފައި މިވަނީ މާލެ އަދި ހުޅުމާލޭގައި ކުއްޔަށް ދިރިއުޅެމުންދާ ރައްޔިތުން ކުލި ނުދެއްކިގެން މަގުމަތި ނުވަނީސް، އެމީހަކު އަމިއްލަ ރަށަށް ދިޔުމަށް އީސާ ގޮވާލާފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްޔަށް އުޅޭ އެންމެންނަކީ އެމީހުންގެ އަމިއްލަ ރަށުގައި ހޮލިޑޭ ހޯމް ހަދާފައި އައިސް އުޅޭބައެއް ނޫން ކަމަށާއި ކުއްޔަށް އުޅޭ މާލޭގެ މީހުން އަމުދުން ދާނެ އެހެންތަނެއް ނޯންނާނެ ކަމަށެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މެމްބަރު އީސާ ވިދާޅުވީ، ހާލުގައި ޖެހި އާއިލާ ނުބެލޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ފަރުދީ ޒިންމާ އަދާކޮށް އަމިއްލަ ރަށަށް ބަދަލުވާން ޖެހޭ ކަމަށެވެ. އީސާ އިތުރަށް ވިދާޅުވީ، ކުއްޔަށް އެޕާޓްމެންޓް ދޭ ބައެއް ތަންތަނުގެ ވެރިން ކުލި ކުޑަކޮށްދިން ނަމަވެސް އަދިވެސް ބައެއް މީހުންނަށް ކުލި ދެއްކުމުގައި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

އީސާގެ މި ވާހަކައަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔައި ވާހަކަ ދައްކަމުންނެވެ. އެގޮތުން ގިނަ މީހުން ބުނެފައި ވަނީ އީސަގެ ވާހަކަފުޅަކީ ނިކަމެތި ރައްޔިތުން އިތުރަށް ނިކަމެތި ކޮށްލަން ދެއްކި ވާހަކައެއް ކަމަށާއި މިހާރު ކުރަން ޖެހިފައި އޮތް ކަމަކީ މާލޭގައި ދިރިއުޅެން މަޖުބޫރު ވެފައިވާ މީހުންނަށް ވެސް ރަނގަޅު ގޮތެއް ހޯދައިދިނުން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!