ދަނޑުވެރިންގެ އުފެއްދުންތައް ގަނެ، ވިއްކަން އެސްޓީއޯއިން އެގްރި ސެންޓަރެއް ހުޅުވަނީ
ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި މާކެޓް ކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން(އެސްޓީއޯ)އިން އުފައްދާ އެގްރި ސެންޓަރ އަންނަ މެއި މަހުގެ 1 ވަނަ ދުވަހު ހުޅުވުމަށް އެކުންފުނިން ނިންމައިފިއެވެ.
އެސްޓީއޯއާއި އެގްރިކަލްޗަރ މިނިސްޓްރީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވީ މިއަދުން ފެށިގެން ދަނޑުވެރިންނަށް އެސްޓީއޯގެ އެގްރި ސެންޓަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.
އަދި މިކަމަށް އެދޭ ފޯމް އެސްޓީއޯގެ ވެބްސައިޓުންނާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ބޭސްފިހާރަތަކާއި އެސްޓީއޯގެ ފިހާރަތަކުންވެސް ލިބޭނެކަމަށެވެ. އަދި މިފޯމް ފުރުމަށްފަހު މިތަންތަނަށް ފޯމް ހުށަހެޅޭނެކަމަށާއި، ފޯމުގެ ފޮޓޯއެއް ވައިބަރ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށްވެސް އެސްޓީއޯއަށް ހުށަހެޅޭނެކަމަށް އަމްރު ވިދާޅުވިއެވެ.
ދަނޑުވެރިން އެސްޓީއޯގައި ރަޖިސްޓްރީވާންޖެހެނީ އެމީހުންނަށް ދަނޑުވެރިއެއްކަން އަންގައިދޭ ލިޔުމެއް ނުވަތަ އައިޑީއެއް ހަވާލު ކުރުމަށެވެ. ބޭނުމަކީ އެމީހުން އުފައްދާ ސާމާނު އެއްވެސް އޮޅުމެއްނެތި އެސްޓީއޯއަށް ގަތުމުގެ މަގު ފަހިކޮށް އެކަން އުސޫލެއްގެ ތެރެއިން ކުރުމެވެ.
ދަނޑުވެރިން އުފައްދާ ތަކެތި އެސްޓީއޯއަށް ގަންނަނީ އެތަކެތި އެސްޓީއޯއާ ހަމައަށް ގެނެސްދިނީމައެވެ.
އެސްޓީއޯއިން ވިދާޅުވީ އެކުންފުންޏަށް ފޮނުވާ ދަނޑުވެރިކަމުގެ ބާވަތްތައް ދޯންޏަށް އެރުވުމުގެ ކުރިން އެތަކެތި ވަރަށް ރަނގަޅަށް ލޭބަލް ކުރަންވާނެ ކަމަށެވެ. އަދި ބާއްވަތްތަކާއި އަދަދުވެސް އެނގޭ ގޮތަށް ހުންނާންވާނެ ކަމަށާއި ދޯނި ފުރާނެ ދުވަހާއި މާލެއަށް އާދެވޭނެ ކަމަށް ލަފާ ކުރާ ދުވަސް ވެސް އަންގަންވާނެ ކަމަށް އެކުންފުނީން ވިދާވިއެވެ.
އެސްޓީއޯއަށް ގަންނާނީ ދަނޑުވެރިން ފޮނުވާ ތަކެތީގެ ތެރެއިން ހަލާކު ނުވެ ރަނގަޅަށް ހުންނަ ސާމާނުކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ. ރަނގަޅަށްހުރީ ކިހާވަރެއް ކަމަށާއި އެސްޓީއޯއަށް ކިރުވީ ކިހާވަރެއް ކަމާއި ލިބުނު އާމްދަނީ ދަނޑުވެރިޔާއަށް އެސްއެމްއެސް އަކުން ނަމަވެސް އަންގަވާނެ ކަމަށް އެކުންފުނީން ވިދާޅުވިއެވެ. އަދި ދެ ދުވަހެއްގެ ތެރޭގައި ފައިސާ ދަނޑުވެރިޔާއަށް ފޮނުވައި ދެއްވާނެ ކަމަށް ވެސް އެސްޓީއޯއިން ވިދާޅުވިއެވެ.
އެސްޓީއޯއިން ވިދާޅުވީ ރަށްރަށުން ފޮނުވާ ދަނޑުވެރިކަމުގެ ސާމާނު ނެގުމަށް ކަލެކްޓިން ޕޮއިންޓެއްވެސް ނޯތު ހާބަރުގައި ހަދާނެ ކަމަށެވެ.