ޚަބަރު

ގުރްއާން އެމްބެސެޑަރަކަށް ވުމުގެ ފުރުސަތު ޝަހީމް ހުޅުވާލައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ގުރްއާން އެމްބެސެޑަރަކަށް ވުމުގެ ފުރުސަތު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުޅުވާލައްވައިފިއެވެ.

Ads by MWSC

ފޭސްބުކްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުރުއާން އެމްބަސެޑަރ(ސަފީރުލްޤުރާން) ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ދެ ޖިންސުގެ މީހުންނަށް ވެސް ބައިވެރި ވެވޭނެ ކަމަށެވެ.

ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތުތަކަކީ ޤުރުއާން ދެކެ ލޯބިވާ، ހިލޭ ސާބަހަށް ޤުރުއާން ސޯޝަލް މީޑިޔާގަ ޕްރޮމޯޓްކުރުމުގެ ޤާބިލްކަން ހުރުމާއި ބަލައިގެން ޤުރާން ކިޔަވަން ދަންނަ އިސްލާމްދީނުގެ ޙުކުމްތަކަށް ބޯލަނބައި ޙުރުމަތްތެރިކޮށްހިތާ އަޚުލާޤު ރަނގަޅު މީހަކަށްވުން ކަމަށެވެ. މިކަމުގައި ތަފާތު ޢުމުރު ފުރާގެ މީހުންނަށް ބައިވެރި ވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުރްއާން އެމްބެސެޑަރުގެ މަސްއޫލިއްޔަތު:
- އެކި ޤާރީންގެ ކިޔެވުން ސޯޝަލްމީޑިޔާގައި ދޭތެރެ ދޭތެރެއިން ޝެއަރ ކުރުން
- ޤުރުއާންގެ އާޔަތެއްގެ ތަރުޖަމާ އެކި ބަސްބަހުން މަދުވެގެން ކޮންމެ ހަފްތާއަކު އެއްފަހަރު ޝެއަރކުރުން
- ޤުރުއާން ކިޔެވުމަށް ހިއްވަރު ދިނުން.
- ޤުރުއާން ހިތު ދަސްކުރަން ހިއްވަރު ދިނުން.
- ޤުރުއާން މުދައްރިސެއް ނަމަ ފޭސްބުކް މެދުވެރިކޮށް މަދުވެގެން ދެމަހުން އެއްފަހަރު ޤުރުއާން ގަޑިއެއް ނަގައިދިނުން.
އިސްލާމް މުދައްރިސެއް ނަމަ، މަދުވެގެން ދެމަހުން އެއްފަހަރު ފޭސްބުކް މެދުވެރިކޮށް އިސްލާމް ގަޑިއެއް ނަގައިދިނުން.
މީގެ އިތުރުން ވެސް ޤުރުއާނާ ގުޅޭ ކަންކަން ސޯޝަލްމީޑިޔާގައި އެކި ބަސްބަހުން ފެތުރުން

ޝަހީމް ވިދާޅުވީ މިއީ ޝަރަފްވެރި މަސައްކަތެއް ކަމަށާއި ހިލޭ ސާބަހަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި ހެޔޮ ނިޔަތުގައި މި މަސައްކަތް ކުރުމުން މާތް ﷲ ސަވާބާއި ދަރުމަ ދެއްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

"ޝައުޤުވެރިކަން ހުރި ފަރާތްތަކުން ކޮމެންޓްކުރާށެވެ. ޤުރުއާން އެމްބަސެޑަރ(ސަފީރުލްޤުރާން) ގެ މަޤާމަށް އެބޭފުޅަކު ޢައްޔަންކުރާނަށް. އެއަށް ފަހު، އެމީހަކު ބޭނުންކުރާ ސޯޝަލް މީޑިޔާގެ އެކައުންޓް ތަކުގައި ޤުއާން އެމްބަސެޑަރ ޖެހުމަކުން މައްސަލައެއްނެތް. މިއީ ޤުރުއާނަށް ޚިދުމަތްކުރާ ހާ ހިނދެއްގައި އުމުރަށް ބޭނުންކުރެވޭނޭ ލަޤަބެއް. މީގެ މަޤުޞަދަކީ ސޯޝަލް މީޑިއާގައި ﷲ ގެ ކަލާމްފުޅު މަތިވެރިކޮށް، ރާއްޖެއާއި ދުނިޔެއަށް އިސްލާމް ދީނާއި ޤުރުއާނުގެ މަތިވެރިކަމާައި ސަމާޙަތްތެރިކަން ފެތުރުން. ގިނަ ބަޔަކަށް ޤުރުއާން ވާޞިލްކޮށްދިނުން." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މިއީ މިހާރު ކުރިއަށް މި ގެންދެވޭ ޙަރަކާތުގެ ބައެއް ކަމަށާއި ބަލައިގެން ޤުރުއާން ކިޔަވަން ދަންނަ، އިސްލާމްދީނުގެ ކަންކަމަށް ޙުރުމަތްތެރިކޮށްހިތާ ކޮންމެ މީހަކަށް ވެސް ޤުރުއާން އެމްބަސެޑަރ އަކަށް ވެވިދާނެ ކަމަށެވެ. އަދި އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފު ކަމެއް ކޮށްފި ނަމަ މަޤާމު ގެެއްލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ޤުރުއާން އެމްބަސެޑަރުންގެ ޚާއްޞަ ޕޭޖެއް، ފޭސްބުކް ގްރޫޕެއް ލަސްތަކެއް ނުވެ ޤާއިމްކުރެވޭނެ ކަމަށާއި މި މަޝްރޫޢު އިތުރަށް ޑިވެލޮޕް ވެގެން ދާނެ ކަމަށެވެ.

އެންމެ ފުރަތަމަ ޤުރުއާން އެމްބަސެޑަރ ގޮތުގައި ޢަައްޔަންކުރަނީ އަލްޙާފިޒުލް އަލްޤާރީ ސުލްޠާން މުޙައްމަދު ލަޠީފެވެ. ޤުރުއާނުގެ ސަފީރުންގެ ގްރޫޕްގެ ރައީސަކަށް ހުންނާނީ އޭނާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!