ވީއައިއޭގެ އާ ޓާމިނަލު އޮކްޓޯބަރުގެ ކުރިން ހުޅުވަނީ
ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އާ ޓާމިނަލް އަންނަ އޮކްޓޯބަރު މަހުގެ ކުރިން ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތުން އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމަކީ، ޒަރޫރީ ބޭނުމަކަށް ވެފައި އޮންނަ ކަމެއް ކަމަށެވެ.
ކުރީއްސުރެ ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިކަމަށް ހައްލު ހޯދައި، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް މި އަހަރު އޮކްޓޫބަރުގެ ކުރިން ހުޅުވުމާއި ހަނިމާދޫ އެއާޕޯޓާއި އައްޑޫ ގަން އެއާޕޯޓް މި އަހަރު ހުޅުވުމާއި މ. މުލީ އެއާޕޯޓް އެޕްރީލް މަހު ހުޅުވުމަށް މަސައްކަތް ދަނީ ކުރެވެމުން،"
ރައީސް ވިދާޅުވީ އެމަނިކުފާނު ވެފައިވާ ވައުދާ އެއްގޮތަށް ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެތްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ. ތުޅާދޫ، ލ.ކައްދޫ އެއާޕޯޓުގެ މަސައްކަތް އެކި މަރުހަލާތަކުގައި މި އަހަރު ކުރިއަށްދާނެ ކަމަށެވެ.
އެ އެއާޕޯޓުތަކުގެ އިތުރުން ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެއާޕޯޓުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ވައިގެ ދަތުރުފަތުރުގެ އިތުރުން ކަނޑުމަގުން ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް، ލުއިފަސޭހަ ކުރުމުގެ މަގު ފަހިކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
އިތުރަށް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން މި އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ފެރީ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ޖޫން މަހުގެ ތެރޭގައި އާރްޓީއެލް ފެރީގެ ހިދުމަތް ރ. އަތޮޅުގައި ފެށޭނެ ކަމަށާއި ޖުލައި މަހުގެ ތެރޭގައި ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.