ލައިފްސްޓައިލް

ކޮބާ ޑަލްގޯނާ ކޮފީ ގިރައިފިންތަ؟

މީސް މީޑިއާގައި އަބަދުވެސް ތަފާތު އެކި ކަންތައްތައް ވައިގައި ހިފައެވެ. މި ދުވަސްކޮޅަކީ ކޮވިޑް19 އާއި ގުޅިގެން ގޭގައި ތިބެން ޖެހިފައިވާ ދުވަސްކޮޅަކަށް ވުމާއެކު ގިނަ ބަޔަކު އަންނަނީ އާ ކަންތައްތަކުގެ އަޖުމަ ވެސް ބަލަމުންނެވެ. އަދި އެކަކު ކޮށްފިނަމަ އަނެކަކު އެކަމެއްގެ އަޖުމަ ބަލަން ޖެހިފައި އޮންނަ އޮތުމާއެކު އާ ކަމެއް ވައިގައި ހިފައި ވައިރަލް ވުމަށް މާ ގިނަ ދުވަސްތަކެއް ނުނަގައެވެ. ޑަލްގޯނާ ކޮފީ އަކީ ވެސް މިހާރު މިފަދައިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ކޮފީއެކެވެ. އެތައް ހާސް ބަޔަކު ވަނީ ގޭގައި ތިބެ މި ކޮފީ ގެ އަޖުމަ ބަލައި މީސް މީޑިއާގައި ހިއްސާކޮށްފައެވެ.

މީސް މީޑިއާގެ ވަސީލަތެއް ކަމަށްވާ ޓިކްޓޮކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޑޮލްގާނޯ ކޮފީއަކީ ކޮރެއާ ގެ އުފެއްދުމެއް ކަމުގައި ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް އެހެން ބައެއް މީހުން ބުނާ ގޮތުގައި މީގެ ކުރިންވެސް ޑަލްގޯނާ ކޮފއަކީީ އެހެން ނަމެއްގައި އިންޑިއާގެ ހިސާބުތަކުގައި ވަރަށް މަޝްހޫރު ބުއިމެކެވެ. ޑަލްގޯނާ މިބަހަކީ ކޮރެއާގައި މާމުއި ޓޮފީއަށް ބޭނުންކޮށް އުޅޭ ބަހެކެވެ.

ޑަލްގޯނާ ކޮފީއަކީ މަދު ބާވަތްތަކަކުން ހަދާލެވޭ ފަސޭހަ އަދި އެހާމެ މީރު ބުއިމެކެވެ. އަދި ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި މި ކޮފީގެ އެންމެ ހާއްސަވާ އެއް ސަބަބަކީ އެހެން ކޮފީތަކާއި ހިލާފަށް މި ކޮފީ ބަލާލަން ރީތިވުމެވެ.

ޑަލްގޯނާ ކޮފީ ތައްޔާރުކޮށްލުމަށް ބޭނުންވަނީ 2 ސަމްސާ ކަޅުކޮފީ، 2 ސަމްސާ ހަކުރު، 2 ސަމްސާ ހޫނު ފެން އަދި 400އެމްއެލް ފިނިކޮށްފައިހުރި ކިރެވެ. މި ކޮފީ 30 މިނެޓުން ތައްޔާރުކޮށްލެވޭއިރު، އެންމެ ފުރަތަމަ ޖެހެނީ ކޮފީ، ހަކުރު އަދި ފެން ރަނގަޅަށް ގިރާށެވެ. މިތަކެތި ގިރުމަށް އިލެކްޓްރިކް ކޮފީ މިކްސަރެއް ނުވަތަ ހޭންޑް މިކްސްރެއް ވެސް ބޭނުން ކުރެވިދާނެއެވެ. ވިޕިން ކްރީމް ހުންނަ ޓެކްސްޗަރ އަށް ކޮފީ ގިރި ފްލަފީ ވުމުން ތައްޓަކަށް ކިރު އަޅައި އޭގެ މައްޗަށް ގިރާފައި ހުރި ކޮފީ އަޅާލުމުން ޑަލްގޯނާ ކޮފީ ތައްޔާރުވީއެވެ. ބޭނުންނަމަ ކިރުގެ ތެރެއަށް އައިސް ކިޔުބް ވެސް އެޅިދާނެއެވެ.

އައިސް ކޮފީ ކަމުދާ މީހުންނަށް މި ކޮފީ އަކީީ ވަރަށް ކަމުދާނެ ކޮފީއެކެވެ.

ކޮވިޑް19 އާއެކު ކުރި ފުރަބަންދާއެކު މަގުބޫލުވި ޑަލްގޯނާ ކޮފީއަކީ ގޭގައި ތިބެ ތަފާތު އެކި އެއްޗެހި ކައްކާ ހިތްވާ ނުވަތަ އާ ކަންތައްތައް ތަޖުރިބާ ކޮށްލަން ބޭނުންވާ މީހުނަށް ވެސް އަޖުމަ ބަލައިލެވިދާނެކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!