ރ. މީދޫއަށް ތާވަތާ، މަޑުއްވަރީގެ އިހުތިސޯސަށް އުފުލަންދޫ

ރ. މަޑުއްވަރި އާއި އެ އަތޮޅު މީދޫގެ އިހުތިސޯސްގެ ތެރެއަށް ފަޅު ރަށްތަކެއް ސަރުކާރުން މިއަދު ކަނޑައަޅައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުން "ތާވަތާ" އަކީ މީދޫ ބައެއްގެ ގޮތުގައި އަދި "އުފުލަންދޫ" އަކީ މަޑުއްވަރީގެ ބައެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
އެ ދެ ރަށަށް ފަޅު ރަށަށް ހަމަޖައްސައިދޭނެކަން އިއުލާނުކުރެއްވީ މިދިޔަ ޖެނުއަރީ 22 ގައި މަޑުއްވަރީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވެފައި ވަނީ މަޑުއްވަރީގެ ބިން ފުރިފައިވާ ކަމަށާއި ފަޅުގައި ވެސް ޖާގަ ނެތުމުން ހިއްކޭނީ ނިސްބަތުން ކުޑަ ސަރަހައްދެއް ކަމަށެވެ.
އެހެންވެ ރަށަށް އެންމެ 6 ހެކްޓަރު އިތުރުކޮށްގެން ބިމުގެ މައްސަލައަށް ހައްލެއް ނުލިބޭނެކަން ފާާހަގަކުރައްވައި ރައީސް ވިދާޅުވެފައިވާ ގޮތުގައި ރަށުގައި އިގުތިސޯދީ މަސައްކަތްތައްކުރާ ތަންތަން ރަށުން ބޭރަށް ބަދަލު ކުރުމަކީ، އާންމު ސިއްހަތަށް ވެސް އޮތް އެންމެ ރަނގަޅު ހައްލު ކަމުގަ އެވެ.
އެގޮތުން، މަޑުއްވަރީއަށް ފަޅު ރަށެއް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ރަށު ފެންވަރުގައި ރައްޔިތުން ކުރާ މަސައްކަތްތަކާއި ރައްޔިތުންގެ މަންފާއަށް ބޭނުން ކުރެވޭ ގޮތަށް ކައުންސިލުތަކަށް ފަޅު ރަށްތައް ދޫކުރަން ސަރުކާރުން ނިންމާފައި ވަނީ ހުސްވި އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.
ރައީސްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ގަވާއިދަށް އިސްލާހު ގެނެސް ކައުންސިލުތައް ބާރުވެރިކުރަން ފެށި މަސައްކަތްތަކުގެ ތެރެއިން ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށަހެޅި ކައުންސިލުތަކަށް ފަޅު ރަށްތައް ހަވާލުކުރުމަށް ނިންމައި، ތިން ކައުންސިލަކަށް ހަތަރު ފަޅު ރަށެއް ހަވާލުކުރުމުގެ އެއްބަސްވުމުގައި ހުސްވި މަހުގެ ފަހުކޮޅު ވަނީ ސޮއިކޮށްފަ އެވެ.
ފަޅު ރަށްތައް ހަވާލުކުރެވުނު ކައުންސިލުތަކަކީ:
- ރ. އިނގުރައިދޫ ކައުންސިލަށް އެ އަތޮޅު ނެޔޮ
- ދ. އަތޮޅު ކައުންސިލަށް އެ އަތޮޅު މިނިމަސްގަލި އަދި ފެންފުށި
- ލ. މާވަށް ކައުންސިލަށް އެ އަތޮޅު ބޮޑުމާބުޅައި
އާމްދަނީ ހޯދަން ރަށްތަކުގައި ކުރަމުން އަންނަ ބައެއް މަސައްކަތްތަކަށް ފަޅު ރަށްތައް ހޯދުމަށް އެދުމުގެ ފުރުސަތު މިހާރު ވެސް އޮތީ ހުޅުވިފަ އެވެ.