ރިޕޯޓް

އޯޓިޒަމް ހުންނަ ދަރިފުޅާއެކު އެކަނި ދިރިއުޅޭ މަންމައެއްގެ އާދޭސް: އަހަރެމެން ރާއްޖެ ގެންގޮސްދީ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއް އޮތީ ފުރަބަންދުގެ ޙާލަތުގައެވެ. މި ޙާލަތުގައި ގައުމުން ބޭރުގައި ދިރިއުޅޭ ގިނަ އާއިލާތަކެއް ދަނީ ތަފާތު ތަޖުރިބާތަކެއް ކުރަމުންނެވެ. ހިތްދަތި އެތަކެއް ދުވަހެއް ގުނަމުންނެވެ. ފުރަބަންދުން މިނިވަންވާނެ ވަގުތެއް ނޭނގި ކުރާ އިންތިޒާރަށް ނިމުން އަންނާނެ ދުވަހަކާ މެދު ވިސްނާ ފިކުރު ކުރަމުންނެވެ.

Ads by MWSC

މިގައުމަށް ވެސް ކޮވިޑް19ގެ ނުރައްކާތެރިކަން ވަށާލިހިނދު ، އެކަމުން ރައްކާތެރިކަން ހޯދުމަށް ޓަކައި ގައުމު މިވަނީ ފުރަބަންދު ކޮށްފައެވެ. ގައުމުން ބޭރުގައި އެކަނިމާއެކަނި ،ދަތި ޙާލުގައި ދިރިއުޅޭ އެތައް ބަޔަކު ރާއްޖެ އަންނަން ބޭނުންވެ އަދި އެކަމަށް އަލި މަގެއް ލިބޭނެ ކަމުގެ އުއްމީދުގައި އެބަތިއްބެވެ.

މީގެ ތެރެއިން އެކަކީ އަވަށްޓެރި ޝްރީލަންކާގައި ދިރިއުޅޭ އުޚުތާއެކެވެ. މީގެ އަހަރެއް ކުރިން އޯޓިޒަމް ހުންނަ ހަތަރު އަހަރުގެ ދަރިފުޅު ގޮވައިގެން އެކަނި ޝްރީލަންކާއަށް ބަދަލުވީ ދަރިފުޅުގެ މުސްތަގުބަލަށްޓަކައެވެ. އެކުއްޖާއަށް ތެރަޕީ ދެވޭނެ ލުއި އަދި ފަސޭހަ ގޮތަކީ އެއީ ކަމަށްވާތީއެވެ. ނަމަވެސް ވޭތުވެދިޔަ އެއް އަހަރު ދަރިފުޅުގެ އުޅުމަށް އައި ހެޔޮ ބަދަލުތަކަށް ، އުނދަގޫ ޙާލަތު މިވަނީ ހިޔަނި އަޅުވާފައެވެ. ބަންދުވެފައިހުރި ދަރިފުޅުގެ އުޅުމަށް ވަނީ އަނެއްކާވެސް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މި ކަންބޮޑުވުމާއި ހާސްކަމުގައި ދިރިއުޅޭ އުޚުތާ ވަނީ އޭނާގެ ވާހަކަތައް ''ދެން''އާއި ހިއްސާކޮށްފައެވެ.

ނަން ހާމަ ނުކުރުމަށް އެދި އުޚުތާ ބުނީ ކޮވިޑް19 ފެށިގެން އައިއިރު ހާސްކަމާ ކުރިމަތި ނުވިޔަސް ލަންކާގެ ޙާލަތު މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާތީ އެގައުމުގައި ތިބި ހުރިހާ ދިވެހިން ވެސް މިހާރު ތިބީ ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައި ކަމަށެވެ. ޚާއްޞަކޮށް އެކަނި އުޅޭ އާއިލާތަކަށް ކުރެވޭ އިހްސާސް ބޮޑު ކަމަށް އުޚްތާ ފާހަގަކުރިއެވެ.

''އޭޓީއެމްތައް ވެސް ބަންދު، ހުޅުވާފައި ހުއްޓަސް ކާފިއު ވީމާ ނުދެވޭ، މިތާގައި ކާފިއުއޭ ބުނެފިއްޔާ ޖެހިގެން ހުންނަ ގެއަށް ވެސް ނުދެވޭ، އެހާ ސްޓްރިކްޓް ، ކޭޝްކާޑު ވެސް އެންމެން އަތުގައި ނުހުންނާނެ ، އަދި އިންޓަނެޓް ބޭންކިން ބޭނުން ނުކުރާ މީހުން ވެސް އެބަތިބި ، މާލެއިން ވެސް ފައިސާ ފޮނުވޭނެ އެއްވެސް ގޮތެއް ނެތް'' މީހުންގެ އަތުގައި ފައިސާ ހުސްވަމުންދާ ކަމަށް ފާހަގަ ކުރަމުން އުޚްތާ ބުންޏެވެ.

އުޚްތާ ބުނީ އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަންދުވެފައި ތިބެން ޖެހުމުން ދަރިފުޅުގެ އުޅުމަށް އަންނަ ބަދަލު ކަމަށެވެ. އަދި މިހާލަތުގައި ދަރިފުޅު ބަލިވެއްޖެނަމަ ދެން ހަނދާނެ ގޮތަކާއި މެދުވެސް ފިކުރުބޮޑުވެ ހާސްވާ ކަމަށެވެ.

''ބަންދުވެފައި ތިބޭތީ އަބަދު ރުޅި ގަދަވެ ، ރޮއި ހަދަނީ ، ދަރިފުޅު ހިފަހައްޓާލަން ވަރަށް އުނދަގޫ ، ދަރިފުޅަށް އަންޑަސްޓޭޑް ކޮށްދޭނެ ގޮތެއް ނެތް ، އަނެއްކާ މިހާރު ބައްޔެއް ވެއްޖިއްޔާ ދެން އުޅެން ޖެހޭނެގޮތަކާ މެދު ވިސްނެނީ ، އެމްބަސީން ހޮސްޕިޓަލަށް ގެންގޮސްދީފާނެ ، އެހެންވިޔަސް ދަރިފުޅުގެ އުޅުން ހުންނަ ގޮތުން ، އެންމެން ޖަމާވެ އުޅޭ އެކަހަލަ ތަނެއްގައި އޭނާ ހިފަހައްޓާލާނެ ގޮތެއް ނޭނގެ، މިހާރު ފިކުރުކޮށްކޮށް މެންޓަލީ ވީކް ވެއްޖެ'' އޯޓިޒަމް ހުންނަ ދަރިފުޅާ ގުޅޭ ގޮތުން އުޚުތާ ބުންޏެވެ.

އުޚްތާ ބުނީ ދަތުރުކުރުމަކީ ވެސް ރިސްކީ ކަމެއް ކަން ގަބޫލު ކުރެވޭ ކަމަށާއި އެހެން ނަމަވެސް 14 ދުވަހު ކަރަންޓީނުކޮށްފައި ވިޔަސް މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް ފިރިމީހާއާއި އާއިލާ ގާތަށް ދިޔުން ކަމަށެވެ.

''އަބަދު ހުންނަނީ ކަންބޮޑުވެ ބިރުގަނެފައި ، ދަތުރުކުރުން ރިސްކީކަން ވެސް އެނގޭ ، އެހެންވިޔަސް 14 ދުވަހު ކަރަންޓީނުގައި ހުންނަށް ޖެހުނަސް މިވަގުތު ބޭނުމީ އަވަހަށް ރަށަށް ދާން ، އޭރުން ކޮންމެވެސް ވަރަކަށް ނިކުމެލާ ހެދޭނެ ، އާއިލާ މީހުންގެ ގާތު ތިބެވޭނެ، އަހަރެންގެ އާދޭހަކީ އަވަހަށް ރާއްޖެ ގެންގޮސްދިނުން'' އަމިއްލަ ޓިކެޓްގައި ވިޔަސް އަވަހަށް ދެވޭނެ ގޮތެއް ވުން އެދޭކަން ހާމަ ކުރަމުން އުޚްތާ ބުންޏެވެ.

އުޚްތާ ބުނީ ކެއިން ބުއިމުގައި މާބޮޑު މައްސަލައެއް ދިމާނުވާ ކަމަށާއި މޭވާފަދަ ތަކެތި ލިބުން އުނދަގޫ ވިޔަސް ތަރުކާރީ ލިބޭ ކަމަށެވެ. އެހެން ނަމަވެސް ދަތި ހާލުގައި ދަރިން ގޮވައިން އެކަނި އުޅޭ އެތައް ބަޔަކު އެބައުޅޭ ކަމަށާއި އެމީހުންގެ ތެރެއިން ގިނަ ބައެއްގެ ފިރިންނަކީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުން ކަމަށެވެ. އަދި އެމީހުންގެ މުސާރަ ވެސް ކުޑަކޮށްފައިވާތީ މިހާރު ލިބޭ ފައިސާއިން ދެކޮޅު ނުޖެހޭތީ އެއެންމެން ވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް ރަށަށް ބަދަލު ވާންކަމަށް އުޚްތާ ބުންޏެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!