ކާފިއުގެ ވަގުތުގައި މަގުމަތީގައި އުޅުނު 284 މީހެއް މިއަދު ހިފަހައްޓާފައިވޭ
ކާފިއުގެ ވަގުތުގައި މަގުމަތީގައި އުޅުނު 284 މީހެއް މިއަދު ހިފަހައްޓާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިއްޔެ ނެރުއްވި އެންމެގުމެއްގައި ވަނީ ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އާ ހަމައަށް މާލޭ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލުމަށެވެ.
އަދި އެ ގަޑިތައް ފިޔަވައި އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.
ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އިއްޔެ މަގުމަތިން ހިފެހެއްޓީ 95 މީހުން ކަމަށާއި މިއަދު އެ އަދަދު 284 އަށް އަރާފައިވާ ކަމަށެވެ. މިދިޔަ ދެ ދުވަހު ޖުމްލަ 376 މީހަކު ހިފެހެއްޓިއިރު މީގެތެރެއިން 333 މީހުންނަކީ ދިވެހިން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މިދިޔަ ދެ ދުވަހު ނަސޭހަތް ދިން ނަމަވެސް މާދަމާ އިން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
މަގުމައްޗަށް ނިކުމެ އުޅުން މަނާ ގަޑިތަކުގައި ނިކުމެ އުޅޭ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތްދިނުމަށްފަހު ދެން ވެސް އެކަން ތަކުރާރުކޮށްފިނަމަ 1،000 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.