ޕާޓީގެ ވިޕާ ހިލާފުވުން ރައީސް ކުށްވެރި ކުރައްވައިފި، ވޯޓުގައި ބައިވެރިނުވާ މެމްބަރުންނަށް ފިޔަވަޅު އަޅަނީ

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލުގެ ވޯޓުގައި ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ބައެއް މެމްބަރުން ބައިވެރިނުވުމުން އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ. ސަޓޯ، ބިލު ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ.
މިއަދު ބޭއްވި ޖަލްސާގައި ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެއަށް ފަހު މަޖިލިހަށް ބިލު ބަލައިގަންނަން ފެނޭތޯ ވަނީ ވޯޓަށް އަހާފަ އެވެ.
ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 76 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ.
މަޖިލިހަށް ބިލު ބަލައި ގަތުމަށްފަހު، ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
ކޮންގްރެސް ޕާޓީގެ މެމްބަރުން ތިބޭ ގްރޫޕަށް ފޮނުއްވި މެސެޖެެއްގައި ރައީސް ވިދާޅުވީ ޕާޓީން "ތްރީ ލައިން ވިޕް" އެއް ކަނޑައެޅުމުން ވިޕާ ހިލާފުވުމަކީ އެއްވެސް މެމްބަރަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"ވިޕާ ހިލާފުވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން، އެއްވެސް ފަހަރަކު،" ރައީސް ވިދާޅުވި އެވެ.
ހަމަ އެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ވިޕާ ހިލާފުވި މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
"ގަސްތުގައި ވިޕް ލައިނާ ހިލާފުވާ ބޭފުޅުންނާ މެދު ގަވާއިދުގައި އޮންނަ ގޮތުން ފިޔަވަޅު އަޅާނަން،" އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވި އެވެ.






ކޮމެންޓް