ހެންވޭރު ފެރީ ޓާމިނަލުން ލޯކަލް މާރުކޭޓާ ހަމައަށް މަގު ފުޅާކޮށް ތާރުއަޅަން އެމްޓީސީސީއަށް

މާލެ ސިޓީ، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މިހާރު ލޯކަލް މާރުކޭޓު ހުރި ހިސާބާ ހަމައަށް ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރުކޮޅަކީ މާލޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ އެންމެ ބޮޑު އެއް ސަރަހައްދެވެ. އެ ސަރަހައްދު ތަރައްގީކުރަން ނިންމަވާފައިވާކަން މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ.
އިއްޒުއްދީން ފާލަން އަލުން ތަރައްގީކޮށް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޓީސީސީ އާ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.
މަގު ފުޅާކުރާނީ މޫދުން ބައެއް ނަގައި ޝީޓް ޕައިލްކޮށްގެން ކަމަށާއި ކޮޅަކަށް ދެ ލޭނު ހިމެނޭ ގޮތަށް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ. ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވޭނީ މަގުގެ އަޑީގައި ހުންނަން ޖެހޭ ހުރިހާ ނިޒާމުތަކަކާ އެކުގައި ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
އެ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.
މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:
- 830 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި ސަބް ބޭސް ތައްޔާރުކުރުން
- 737 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލް ކުރުން
- މަގު ފުޅާކުރާއިރު ކީވޯލް ބޭރަށް ޖެއްސުން
- ފެން ހިންދާ ނިޒާމު ގާއިމުކުރުން
- ދުވާރުތައް ހެދުން
- މަގުބައްތި ހަރުކުރުމާއި ރޯޑް މާކިން އަދި ސައިން ބޯޑުތައް ހެދުން
އެމްޓީސީސީން ބުނީ މަގު ފުޅާކޮށް ތާރުއަޅާ ނިމުމުން ފަސޭހަކަމާ އެކު ދެކޮޅަށް ދަތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އުޅަނދުތައް ޕާކްކުރާނެ އިތުރު ޖާގަ ލިބޭނެ ކަމަށެވެ. އޭގެ އިތުރުން ފެންހިންދާ ނިޒާމެއް ގާއިމުކުރެވުމުން ވާރޭވެހި ފެންބޮޑުވާ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 455 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 144.5 މިލިއަން ރުފިޔާއަށެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމައި މަގު ބޭނުންކުރަން ހުޅުވާލާނެ ކަމުގަ އެވެ.
އިތުރަށް ވިދާޅުވެފައި ވަނީ ޗައިނާގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެ ކަމަށެވެ.
