ލައިފްސްޓައިލް

ހަމަ ހަގީގަތުގައި ވެސް ނަފުރަތަކީ ލޯބީގެ ފެށުންތަ ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ލޯތްބަކީ ފުރަތަމަ ނަޒަރުން ވެސް ވެވިދާނޭ އެއްޗެއްކަން ބައެއް މީހުން ގަބޫލު ކުރެއެވެ. އަދި ހަމަ އެހެންމެ މިކަމާ ދެބަސް މީހުން ވެސް އުޅެއެވެ. ނަމަވެސް ނަފުރަތަކީ ލޯބީގެ ފެށުން ހެއްޔެވެ؟ ނޫނީ މިއީ ހަމައެކަނި ފިލްމު ތަކުގައި އަދި ޚިޔާލީ ވާހަކަ ތަކުގައި ވާ ކަމެއް ހެއްޔެވެ؟

Ads by Sosun Fihaara

ދެމީހަކު ފުރަތަމަ ފަހަރަށް ދިމާވުމުން އެންމެ ފުރަތަމަ “އިމްޕްރެޝަން” އަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެނީ އެންމެ ފުރަތަމަ ދިމާވާ ދުވަހު އަނެކާ ތިމާއާއި މެދު ދެކޭ ގޮތް ރަނގަޅު ވުމަކީ ވަރަށް މުހިންމު ކަމެކެވެ. މީހާގެ މިޒާޖާއި، ލާ އަންނައުނުގެ އިތުރުން މީހާގެ ވާހަކަ ދެއްކުމުގައި ގެންގުޅޭ ބަސްތަކަކީ އަނެކާ ވަރަށް ބޮޑަށް ފާހަގަ ކުރާނެ ކަންކަމެވެ.

އެހެން ނަމަވެސް މި ފުރަތަމަ “އިމްޕްރެޝަން” ގޯސް ވުމުން ދެމީހުންގެ ދެމެދުގައި އެކުވެރިކަމުގެ ބަދަލުގައި ނަފުރަތުކަން އުފެދެއެވެ. އަދި ބައެއް މީހުން އެ ނަފުރަތު ކަމުގައި ދާއިމަށް ވެސް ހެޔޮ ކަމަށް ތިބެއެވެ. އެހެންނަމަވެސް އަނެއްބައި މީހުން ދެން ހުރި މީހާއާއި ޖެއްސުން ކުރުމުގެ ސަބަބުން ލޯބި ވެވިދާނެއެވެ. އާދޭހެވެ. މިއީ ހަގީގަތެވެ. ހަމައެކަނި ބޮލީވުޑްގެ ފިލްމުތަކުގައި ވާ ގޮތެއް ނޫނެވެ.

އެކަކު އަނެކަކު ރުޅިވެރިކަމުގައި އެހެން ދިމާވެ މޫނު ހެދިކަމުގައި ވީނަމަވެސް ކުއްލިއަކަށް އެފަދަ މީހަކު ލޯމަތިން ގެއްލި ޚަބަރު ނުވާން ފެށުމުން އަނެކާ މަތިން ހަނދާން ވާނެއެވެ. އޭނާ ޖެއްސުން ކުރަން ނަމަވެސް ނުފެންނަނީ ކީއްވެގެންތޯ ބަލާ ހޯދަން ބޭނުން ވާނެއެވެ. އާދޭހެވެ. އެއީ ލޯބިވާތީއެވެ. ތިބާއަށް އެކަން ގަބޫލު ކުރަން ކިތަންމެ ދަތިވިޔަސް މެއެވެ.

މަޑު މަޑުން އެ ނަފުރަތުކަން ހިތްހެޔޮ ކަމަށް ބަދަލުވެ، އެންމެ ފަހުން އެ ހިތްހެޔޮކަން ލޯތްބަށް ބަދަލުވެ، ދެމީހުން ލޯބީގައި ދީވާނާ ވެގެން ދާއިރުވެސް ނޭނގިފައި އެބަ ތިބެއެވެ. ނޫނީ ލޯބި ވެވުމުން އެކަން ގަބޫލު ކުރަން ބޭނުން ނުވެފައި ވެސް އެބަ ހުރެއެވެ. ގޮތް ދޫކުރިޔަސް ނުކުރިޔަސް ތިޔައީ ލޯތްބެވެ.

މީގައި ދެމީހުން ދުރުގައި މާ ގިނަ ދުވަސް ވަންދެން އުޅެން ޖެހި، އެކަކު އަނެކަކު ނުފެނި އުނދަގޫވެ، އެކަކު އަނެކަކު ގާތުގައި ބުނަން ނުކެރިފައި ހުންނަން ޖެހިއްޖެ ނަމަ، ތެޔޮނާށި ކާޅު ޖަހައިގަނެ ފާނެއެވެ. އޭގެ ކުރިން ކިތަންމެ ނަފުރަތު ކުރާކަން ދެއްކި ކަމުގައި ވީނަމަވެސް ތިބާ އޭނަ ދެކެ ލޯބި ވަންޏާ އޭނާއަށް އެކަން ހާމަކުރާށެވެ. ހަގީގަތުގައި ވެސް ނަފުރަތަކީ ލޯބީގެ ފެށުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!