މަސްޖިދުއް ނަބަވީގެ އިމާމު ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

މަދީނާގެ މަސްޖިދުއް ނަބަވީގެ އިމާމު އަދި ހަތީބު ފަޟީލަތުއްޝެއިހް ޑރ. ސަލާހުލްބުދައިރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އިމާމު ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާ އެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހުސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތެއް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
މިއަދު މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ އަންނަ ހޯމަ ދުވަހު މަސްޖިދުއް ނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
"މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅާ އެކު، މަދީނާގެ މުގައްދަސް ހަރަމްފުޅު އަލްމަސްޖިދުއް ނަބަވީގެ އިއްޒަތްތެރި އިމާމު ފަޟީލަތުއްޝެއިހް ޑރ. ސަލާހުލްބުދައިރު، 21 އެޕްރީލުވާ ހޯމަ ދުވަހު ރަސްމީ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނެ،" ޝަހީމް ވިދާޅުވި އެވެ.
މިއީ ހަރަމްފުޅެއްގެ އިމާމަކު 40 އަހަރު ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ފުރަތަމަ ފަހަރަށް ހަރަމްފުޅެއްގެ އިމާމަކު ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެ ފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ފަޟީލަތުއްޝެއިހް މުހައްމަދު އައްސުބައްޔިލެވެ.
އިމާމުގެ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވައި، އާންމުންނަށް ދީނީ ދަރުހެއް ދެއްވާނެ އެވެ. އަދި އިލްމުވެރިންނާ ބައްދަލުކުރައްވައި، ސަލްމާން މިސްކިތަށާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެ އެވެ. އޭގެ އިތުރުން ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މަދީނާގެ ހަރަމްފުޅުގެ އިމާމު ޑރ. ސަލާހުލްބުދައިރަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. މަދީނާގެ ހަރަމްފުޅުގައި އިމާމުވެ ތަރާވީހް ނަމާދު ކުރައްވަ އެވެ. އިމާމަކީ އިސްލާމީ ދުނިޔޭގެ އިހުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.