މަސްތުވުމުގެ ތެރެއަށް ވަނުމާއި ކަމާ ގުޅޭ ސިއްހީ މައްސަލަތައް ހުރީ ކަންބޮޑުވާ ދަރަޖައެއްގައި: އެންޑީއޭ

މަސްތުވާތަކެތި ބޭނުންކުރުމާއި އެއާ ގުޅިގެން އުފެދޭ ކުށްކުށާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ޕާޓީ ކުރުމުގެ ތެރެއިން މަސްތުވާތަކެތީގެ ތެރެއަށް ވަނުމުގެ މައްސަލަތަކާއި ކަމާ ގުޅިގެން ކުރިމަތިވާ ސިއްހީ މައްސަލަތައް ކަންބޮޑުވާ މިންވަރަށް ފާހަގަކުރެވިފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.
އެންޑީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފާއިތުވެދިޔަ ދުވަސްތަކުގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ މަގުތައްމަތީގައި މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތަކުގެ ތެރެއިން ބައެއް މީހުންގެ ފޮޓޯ އާއި ވީޑިއޯ ފަތުރަމުންދާ ކަމަށެވެ. އަދި އެފަދަ މީހުން ކުށްކުރުމާ ގުޅިގެން ހިފަހައްޓައި އަނިޔާ ކުރުމުގެ އިތުރުން ވީޑިއޯކޮށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރަމުންދާ މައްސަލައިގައި އާންމުންގެ ކަންބޮޑުވުންތައް ހިއްސާކުރަމުންދާތީ އެކަން އެޖެންސީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
ރާއްޖޭގެ ޒުވާނުންގެ މެދުގައި މިފަހަކުން މަޝްހޫރުވެގެން އައި ޕާޓީ ކުރުމުގެ އާގޮތުގެ ސަބަބުން ގިނަ ބަޔަކު އެކަމުގެ ތެރެއިން ލާފައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، ނުރައްކާތެރި ހާލަތަކަށް ވެެއްޓިފައިވާ ކަމަށް އެންޑީއޭއިން ބުންޏެވެ.
"..މިފަދަ މީހުންގެ ތެރެއިން މި އެޖެންސީގެ ފަރުވާގެ ނިޒާމުގެ ހިދުމަތަށް އެދިގެން އައި ގިނަ ޒުވާނުންގެ ފަރާތުން އެނގުނު ގޮތުގައި އެފަދަ މީހުން މަސްތުވާތަކެތި ބޭނުން ކުރަމުން ގޮސްފައި ވަނީ ދޭތެރެދޭތެރެއިން ބޭނުންކުރާ ގޮތަށް ނަމަވެސް، އެކަމުގެ ތެރެއިން މިފަދަ މީހުން މަސްތުވާތަކެއްޗަށް އަޅުދާސްތުވެ، މަސްތުވާތަކެތީގެ އެކި ބާވަތްތަކުގެ ތެރެއަށް ވަދެ، ސިއްހީ އެތަކެއް މައްސަލަތަކެއް، އޭގެ ތެރޭގައި ނަފްސާނީ، ޖިސްމާނީ މައްސަލަތައް ކުރިމަތިވެފައިވެ އެވެ،" ބަޔާނުގައިވެ އެވެ.
އެންޑީއޭއިން ބުނި ގޮތުގައި ޕާޓީ ކުރުމުގެ ނަމުގައި ފެތުރެމުންދާ މަސްތުވާތަކެއްޗާއި އެ ނޫން ވެސް މަސްތުވާޒާތުގެ ހުރިހާ މާއްދާތަކާއި ތަކެތި ބޭނުން ކުރުމަކީ ފުރާނަ ގެއްލި ދިއުމުގެ ނުރައްކާ އޮތް ކަންކަން ކަމުގަ އެވެ. އެ ނުރައްކަލުގެ އިންޒާރާ އެކު އެންޑީއޭއިން ވަނީ މަނާކުރެވިފައިވާ މަސްތުވާތަކެއްޗާއި އެފަދަ ނުރައްކާތެރި އާދަތަކާއި ދުރުހެލިވުމަށް އިލްތިމާސްކޮށްފަ އެވެ.
އެ މައްސަލަ އާ ގުޅިގެން ފުލުހުންނާ އެކު ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށް އެންޑީއޭއިން ބުންޏެވެ. އޭގެ އިތުރުން އެޖެންސީ އާއި ކަމާ ގުޅުންހުރި ބައެއް ޖަމިއްޔާތައް ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް މާލެ ސަރަހައްދުގައި އައުޓްރީޗް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިކަން ވެސް ފާހަގަކުރި އެވެ.
އެންޑީއޭއިން ބުނި ގޮތުގައި އެ ޕްރޮގްރާމުން ކަންބޮޑުވާ މިންވަރަށް މަސްތުވާތަކެތި ބޭނުންކުރުމާއި އެއާ ގުޅިގެން އުފެދޭ ކުށްކުށާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ޕާޓީ ކުރުމުގެ ތެރެއިން މަސްތުވާތަކެތީގެ ތެރެއަށް ވަނުމުގެ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމުގަ އެވެ.
"..އޭގެ ތެރޭގައި ޒުވާނުންނާއި 18 އަހަރު ނުފުރޭ ކުޑަކުދިން ވެސް މި ނުރައްކަލަށް ހުށަހެޅި މިކަމުގެ ޝިކާރައަށް ދެ ޖިންސުގެ މީހުން ވަމުން އަންނައިރު އެއާއި ގުޅޭ ސިއްހީ އެތައް މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވެ އެވެ،" ބަޔާނުގައިވެ އެވެ.
ކަމާ ގުޅިގެން ހާލަތު އިތުރަށް ދެނެގަތުމާއި އިތުރު މައުލޫމާތު އެއްކުރުމުގެ ގޮތުން އެޖެންސީން އައުޓްރީޗް ޕްރޮގްރާމުތައް ހިންގުމަށް ރޭވިފައިވާ ކަމަށް އެންޑީއޭއިން ބުންޏެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ މުޅި މުޖުތަމައުގެ އެހީތެރިކަމާއި ބައިވެރިވުން ލިބި، ޝާމިލުގޮތެއްގައި މަސައްކަތްކޮށްގެން ނޫން ގޮތަކަށް ހައްލު ކުރެވޭނެ މައްސަލައަކަށް ނުވާތީ އެންޑީއޭއިން ވަނީ އާންމުންގެ އެހީތެރި ކަމަށް އެދިފަ އެވެ. އެގޮތުން ޕާޓީ ކުރުމާއި މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތީގައި ތިބޭކަން ފާހަގަކުރެވިއްޖެ ނަމަ ނޭޝަނަލް އެމަޖެންސީގެ ނަމްބަރު 119 އަށް ނުވަތަ އެ އެޖެންސީގެ ހޮޓްލައިން 1410 އަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
