ޚަބަރު

އާންމުންގެ ތެރޭގައި ކޮވިޑް-19 ނުފެތުރޭކަން ކަށަވަރު ކުރަން ދިރާސާއެއް ހަދަނީ

ދެން އެމްވީ ، ދެން އޮންލައިން

އާންމުންގެ ތެރޭގައި ކޮވިޑް-19 ނުފެތުރޭކަން ކަށަވަރަން ދިރާސާއެއް ހަދަމުން އަންނަކަމަށް އައިޖީއެމްއެޗްގެ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އާންމުންގެ ތެރޭގައި ބަލި ފެތުރިފައިވާ ކަމުގެ އެއްވެސް އަލާމާތެއް މިހާތަނަށް އަދި ނުފެންނަ ކަމަށެވެ. ނަމަވެސް އެކަން އިތުރަށް ޔަގީން ކުރުމަށް ސާވޭއެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮވިޑް-19 ބަލި އާންމުންގެ ތެރޭގައި ފެތުރޭތޯ، ދެ ގޮތަކަށް މިދަނީ ބަލަމުން، އެއީ ނޭވާލާ ނިޒާމުގައި އިންފެކްޝަނެއް އުފެދިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުން ޓެސްޓުކުރުމާއި، ނޭވާލާ ނިޒާމުގެ ބަލިތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ރިޕޯޓުކުރާ މިންވަރު ބެލުން." ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑެއް ނެތްކަން ޔަގީން ކުރަމަމަށް އިތުރު ސްޓަޑީއެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ސާމްޕަލް ނަގާނެ މީހުންނާއި ސާމްޕަލް ނަގާނެ އަދަދާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޑރ. ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއެއް ދީފި ނަމަ އެ ބަލި ފެތުރުމުގެ ފުރުސަތު އޮތް މިންވަރު ވެސް ބަލަމުން އަންނަ ކަމަށެވެ. ކޮމިއުނިޓީ ސްޕެރެޑެއް ނެތްކަން ޔަގީންވުމުން ލުއި ކުރާނެ ފިޔަވަޅުތަކުގެ މަސައްކަތް ޓެކްނިކަލް ޓީމުން ކުރާނެ ކަމަށާއި އެ ޕްލޭންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!